ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުގެ އޮންލައިން ވިޔަފާރިތަކަށް ކޮންމެ މަހަކު 16 މިލިއަން ޑޮލަރާ ހަމައަށް އަދަދެއް ކަނޑައަޅާފައިވާއިރު، އީކޮމާސް ލިމިޓް ރިސެޓްވުމާއެކު ސިކުންތަކު 70 އަށްވުރެ ގިނަ މުއާމަލާތު ހިނގާކަމަށް ބީއެމްއެލް އިން ބުނެފިއެވެ.
އީކޮމާސް ޕްލެޓްފޯމްތަކުގައި ކޮންމެ ދުވަހަކު ވެސް ލިމިޓް ރިސެޓްވަނީ ހެނދުނު 7:00 ގައިކަމަށް ބީއެމްއެލް އިން ހާމަކޮށްފައި ވީނަމަވެސް މި ގަޑީގައި ވެސް ޓީމޫ، އަލީބާބާ، އެޕަލް، އެމެޒޯން ފަދަ ސައިޓްތަކުން ޓްރާންސެކްޝަން ނުހެދޭކަމުގެ ކަންބޮޑުވުން ގިނަ އަދަދެއްގެ ކަސްޓަމަރުން އަންނަނީ ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވީ ލިމިޓް ރިސެޓްވާ ގަޑި ބޭންކުން އާންމުކުރުމުން ކަސްޓަމަރުން ދުރާލާ ގަންނަން ބޭނުންވާ ތަކެތި ކާޓަށް އަޅައިގެން ތައްޔާރަށް ތިބޭ ކަމަށެވެ. އަދި އެ ގަޑި ޖެހުމާއެކު އެއްފަހަރާ ގިނަ އަދަދެއްގެ މުއާމަލާތްތައް ހިންގުމުގެ ސަބަބުން ދުވަހަށް ކަނޑައެޅިފައިވާ ލިމިޓް ވަރަށް ކުރު ވަގުތުކޮޅެއްގެ ތެރޭގައި ހަމަވެގެންދާ ކަމަށެވެ.
އެގޮތުން ސައީދު ވިދާޅުވީ ލިމިޓް ރިސެޓްވާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަމަވަނީ ސިކުންތަކު 70 އަށްވުރެ ގިނަ މުއާމަލާތް ބޭންކުގެ ސިސްޓަމް ތެރެއިން ހިނގަމުންދާތީކަމަށެވެ. އަދި މިފަދަ ހާލަތެއްގައި އެކަން ކަސްޓަމަރަށް ވަގުތުން އަންގާ ޑޮލަރު ކާޑެއް ބޭނުންކުރުމަށް ނުވަތަ ޖެހިގެން އަންނަ ދުވަހު އަލުން މަސައްކަތްކުރުމަށް އިރުޝާދު ދެވިގެންދާކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
ބީއެމްއެލް އިން މައުލޫމާތު ދޭ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 40،000 އަށްވުރެ ގިނަ އީކޮމާސް ޕްލެޓްފޯމްތަކުން ދުވާލަކު އެވްރެޖްކޮށް 20،000 އަށްވުރެ ގިނަ މުއާމަލާތް ކަސްޓަމަރުން ކުރަމުންދެއެވެ.
އެހެންކަމުން ބީއެމްއެލް އިން ކަނޑައަޅާފައިވާ އާ އުސޫލަކީ ބޭންކުގެ ބޭރު ފައިސާގެ ރިޒާވް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށާއި، ގައުމަށް އެންމެ ބޭނުންތެރި ޒަރޫރީ ހިދުމަތްތަކަށް ބުރޫނާރާނެހެން ކަންކަން ރޭވުމަށް އެޅި މުހިންމު ފިޔަވަޅެއްކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
މި އާ އިންތިޒާމުގެ ދަށުން، ކަސްޓަމަރުންގެ ބޭނުންތަކަށާއި ދެވޭ ހިދުމަތްތަކުގެ މުހިންމުކަމަށް ބަލައި ދާއިރާތަކަށް ފައިސާ ބަހާލެވިފައިވާ ގޮތް:
- ސިއްހަތާއި ތައުލީމު: ސިއްހީ ފަރުވާއަށާއި ކިޔެވުމުގެ ހަރަދުތަކަށް އެއްވެސް މާޗަންޓް ލެވެލްއެއް ނުވަތަ ކެޓެގަރީ ލިމިޓެއް ކަނޑައަޅާފައެއް ނުވެއެވެ. މި ޒަރޫރީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ބޭންކުން ހާއްސަ އިތުރު މިންވަރެއް (ބަފަރެއް) އަބަދުވެސް ދަމަހައްޓާނެއެވެ.
- ދަތުރުފަތުރާއި ހޮޓެލް ބުކިން: އެއާލައިން ޓިކެޓާއި ހޮޓެލްތަކަށް މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކަށް 200,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ. މި ކެޓެގަރީގައި ކޮންމެ ކަސްޓަމަރަކަށްވެސް އަމިއްލަ ދަތުރުފަތުރުގެ ބޭނުންތަކަށް ޖާގަ ދިނުމުގެ ގޮތުން ތިން މަސް ދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތެވެ.
- އެންމެ ގިނައިން ވިޔަފާރިކުރާ އީ-ކޮމާސް ޕްލެޓްފޯމްތައް: ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ ބޭންކުން އާންމުކުރާ 150 ޕްލެޓްފޯމްގެ ލިސްޓަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) ވަނީ ހާއްސަކޮށްފައެވެ.
- ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި އެހެނިހެން މުހިންމު ހިދުމަތްތައް: އާންމު ދިރިއުޅުމުގެ މުހިންމު ބޭނުންތަކަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) ވަނީ ކަނޑައަޅާފައެވެ.
- ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް: މެޓަ (ފޭސްބުކް އަދި އިންސްޓަގްރާމް) އަދި ޓިކްޓޮކް ފަދަ ވަސީލަތްތަކަށް މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކަށް 50,000 ޑޮލަރު) ވަނީ ކަނޑައަޅާފައެވެ.
- އެހެނިހެން ހުރިހާ ވިޔަފާރިތަކެއް: މަތީގައި ހިމެނިފައިނުވާ ބޭރުގެ އޮންލައިން ވިޔަފާރިތަކަށް މަހަކު 1.8 މިލިއަން ޑޮލަރު (ދުވާލަކަށް 60,000 ޑޮލަރު) ވަނީ ހަމަޖައްސާފައެވެ.
ބޭންކުން އިތުރަށް ހާމަކުރި ގޮތުގައި، ކަސްޓަމަރުން މުއާމަލާތްކުރާ މިންވަރާއި ބޭންކުގައި ބޭރު ފައިސާ ހުރި މިންވަރަށް ބަލައި، މި ލިމިޓްތައް ދޭތެރެ ދޭތެރެއިން މުރާޖައާކޮށް އެންމެ އެކަށޭނަ ބަދަލުތައް ގެންނަމުންދާނެއެވެ.
