ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެ މަގާމަކަށް މިނިސްޓަރުންގެ ފެންވަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

އެގޮތުން އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ:

  • މުހައްމަދު ތޮލާލް (ގ. ފިނިވިލު): ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސްގެ މަގާމަށް
  • އަހުމަދު ހަބީބް (ގދ. ތިނަދޫ، ޝިފާ): ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް

ޕޮލިސީ ސެކްރެޓަރީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ ނާޒިމް އިބްރާހިމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަމަވެސް ނާޒިމް މަގާމުން އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނޫނެވެ.

ރައީސް އޮފީހުން ބުނީ މި މަގާމަށް އައްޔަންކުރުމުގެ ކުރިން ތޮލާލް ހުންނެވީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައިކަމަށެވެ. އޭނާއަކީ ދައުލަތާއި ސަރުކާރުގެ މުހިންމު އެކި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއްކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއާ ކަރިކިއުލަމް ޑިވެލޮޕަރުކަމާއި، އިލެކްޝަންސް ކޮމިޝަންގެ އެސިސްޓަންޓް ޑިރެކްޓާ ޖެނެރަލް އަދި ޑިރެކްޓާ ޖެނެރަލްކަން ވެސް ތޮލާލް ކުރައްވާފައިވާކަމަށެވެ.

މީގެއިތުރުން ތޮލާލް ވަނީ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޓެކްނިކަލް އެޑްވައިޒާ ޓު ދަ މިނިސްޓާ ކަމާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް އައްޔަންކުރި އަހުމަދު ހަބީބް މީގެ ކުރިން ހުރީ ވިލާ އެއާގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައިކަމަށެވެ.

ހަބީބް ވަނީ ކުރިން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި، ވިލާ ހަކަތައިގެ މެނޭޖަރުކަމުގެ އިތުރުން ވިލާ އެއާގެ ކާޑެއްދޫ އެއާޕޯޓްގެ ޑެޕިއުޓީ މެނޭޖަރުކަން ކުރައްވާފައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ހަބީބަކީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަސިޓީން މާސްޓާ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.