ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އިހްތިރާމް ކުރުމުގެ ރީތި އާދަ އަލުން މުޖުތަމައުގައި އަށަގެންނެވުމަށްޓަކައި ސަރުކާރުން ފައްޓަވާފައިވާ "އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު"ގެ ރަސްމީ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.
މި މަޝްރޫއަކީ ދިވެހި މުޖުތަމައުން ގެއްލެމުންދާ ރިވެތި އާދަކާދަތައް ދިރުވައި، އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރާ ޖީލެއް ބިނާކުރެއްވުމުގެ މަގްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ގައުމީ ފެންވަރުގައި ހިންގުމަށް ހަމަޖެހިފައިވާ 5 އަހަރު ދުވަހުގެ ބޮޑު ކެމްޕޭނެކެވެ. މި މަޝްރޫއަށް ކަނޑައަޅާފައިވާ ހާއްސަ ޝިއާރަކީ "އިހުތިރާމުގެ އުފާ - މުޖުތަމައުގެ ނަފާ" އެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، ލޯގޯ ފަރުމާކުރުމުގައި އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ތެރެއިން ލޯތްބާއި ކުލުނު ރަމްޒުކޮށްދޭންވާނެއެވެ. އަދި ދިވެހި ގައުމާއި ދިވެހިންގެ މާހައުލާ ގުޅޭ ކުލަތައް ބޭނުންކުރުމާއެކު، އެ ލޯގޯއަކީ ބެޖު، ސްޓިކާ، ބެނާ، ޗާޕުކުރެވޭ ތަކެތި އަދި ޓީޝާޓު ފަދަ ތަކެތީގެ އިތުރުން އިލެކްޓްރޯނިކް މީޑިއާއާއި އެނިމޭޝަން އަދި ވީޑިއޯތަކުގައިވެސް ފަސޭހައިން ބޭނުންކުރެވޭ ފަދަ ފަރުމާއަކަށް ވާންޖެހެއެވެ.
ލޯގޯތައް ވަޒަންކުރުމުގައި މާކްސް ދިނުމަށް ހަމަޖެހިފައިވަނީ:
- ކޮލިޓީ އަދި ޓެކްނިކަލް ފެންވަރު (ކޮމްޕޮޒިޝަން އަދި ޑިޒައިން އެލެމެންޓްސް ބޭނުންކުރެވިފައިވާ ގޮތް): 30 މާކްސް
- އަސްލުވަންތަކަމާއި އުފެއްދުންތެރިކަން އަދި މަސައްކަތްތެރިކަން: 20 މާކްސް
- ދިވެހިވަންތަކަން: 20 މާކްސް
- އިހުތިރާމު އަދާކުރުން ރަމްޒުކޮށްދީފައިވާ މިންވަރު: 30 މާކްސް
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް، ޖަމްއިއްޔާ ޖަމާއަތްތަކަށާއި އުމުރުން 16 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ވަނީ ހުޅުވާލާފައެވެ. ލޯގޯ ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި ހިނގާ އޮކްޓޯބަރު މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. ލޯގޯ ހުށަހަޅަންވާނީ އޭގެ ހާޑް ކޮޕީ އަދި ސޮފްޓް ކޮޕީ ހިމެނޭ ގޮތަށެވެ.
މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެއްވަނަ ހޯދާ ލޯގޯ އިއުލާންކުރުން އޮންނާނީ "އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" ރަސްމީކޮށް ފެށުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
ރައީސް މުއިއްޒުގެ އިސްނެންގެވުމަށް ހިންގާ މި ކެމްޕޭނުގެ ލޯގޯ ފަރުމާ ކުރުމަށް ހުޅުވާލި ރަސްމިއްޔާތުގައި ވަނީ މި ކެމްޕޭނުގައި ބައިވެރިވާ 16 މީޑިއާއަކާއެކު ސޮއިކޮށްފައެވެ. މި މަޝްރޫއުގައި އިސްކޮށް ހަރަކާތްތެރި ވާނީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާ އާއި ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް) އެވެ. ވަޒީރު ހީނާ ވިދާޅުވި ގޮތުގައި، މިއީ ސަރުކާރާއި ކުންފުނިތަކާއި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ އެކު ހިންގޭ ގައުމީ ހަރަކާތެކެވެ.
