ހއ. ބާރަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމާއި ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކޮށް ރޮސްޓްރަމް ހެދުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު, އަބްދުﷲ ރާފިއުއެވެ. އަދ، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އެވެ.
އެމްޓީސީސީން ބުނީ ބާރަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެރަށު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކޮށް ޕިޗުހަދާ ބައުންޑަރީ ފާރު ރާނާ ފެންސު ޖެހުމުގެ އިތުރުން ލައިޓިން ސިސްޓަމް ހަރުކޮށް އަދި ޓާފް އެޅުމުގެ މަސައްކަތް ކުރާނެކަމަށެވެ. މިއީ 13.64 މިލިއަން ރުފިޔާއަށް 200 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެއްކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
2147 މީހުންގެ އާބާދީއެއް އޮންނަ ބާރަށަކީ ދިވެހި ތާރީހާ ގުޅިފައިވާ ރީތި ރަށެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ މި ރަށުގެ ޒުވާނުންނަކީ ފުޓްބޯޅަ ކުޅުމަށް ވަރަށް ފޯރި ހުންނަ ބައެއްކަމަށާއި، އެހެންކަމުން ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއަކީ މި ރަށުގެ ޒުވާނުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެއްކަމަށެވެ.
މީގެއިތުރުން ތުރާކުނު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެރަށު ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ހަރުކޮށް ރޮސްޓްރަމް ހެދުމުގެ މަސައްކަތް ކުރާނެކަން ފާހަގަކޮށް އެމްޓީސީސީން ބުނީ މިއީ 7.82 މިލިއަން ރުފިޔާއަށް 250 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެއްކަމަށެވެ.
މި ރަށު ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކޮށް ރޮސްޓްރަމް ހެދުމުގެ މަސައްކަތް ނިމުމާއެކު ރައްޔިތުންނަށް ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފައިދާތަކެއް ލިބޭނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
