ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވެނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ ފުލެޓްތަކަށް ބަދަލު ގެނެސް، ސޯޝަލް ހައުސިން ސްކީމަށް ޝަރުތު ފުރިހަމަވެ ފުލެޓް ހައްގުވާ ފަރާތްތަކަށް އިތުރު ފުލެޓް އަޅައިގެން ވެސް ފުލެޓް ދެއްވާނެ ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކުރައްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި އިމާރާތްކުރަމުންދާ ދެ ކޮޓަރީގެ 7000 ފުލެޓާއި މަސައްކަތް ނުފަށާ ހުރި ދެ ކޮޓަރީގެ 2500 ފުލެޓަށް ސަރުކާރުން ބަދަލު ގެންނަން ނިންމާފައިވަނީ އެތަންތަން ޖާގައިގެ ގޮތުން ކުޑުވުމުގެ ސަބަބުން ކަމަށެވެ.

"25 ބުރީގެ 16 ޓަވަރުގެ މައްޗަށް އެކުލެވިގެންވާ މި އިމާރާތްތަކަކީ ސޯޝަލް ހައުސިން އަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އިމާރާތްތަކަށް ބަލާއިރު މިއީ ދެކޮޓަރީގެ 550 އަކަފޫޓުގެ 6880 ފުލެޓް. ފުލެޓަކަށް ފަސް މީހުންގެ ނިސްބަތަށް ބަލާނަމަ މިއީ 34،400 މީހުން. މިހެންކަމުން މިފަދަ އާބާދީއަކަށް އެކަށީގެންވާ މިންވަރަށް މި އިމާރާތުގައި ލިފްޓާއި އެހެނިހެން ހިދުމަތް ނެތް" ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސޯޝަލް ހައުސިން ޕްރޮގްރާމުގެ ދަށުން 25 ބުރީގެ 16 ޓަވަރުގެ މައްޗަށް އެކުލެވޭގޮތުގެ މަތިން ހެދުމަށް ހަމަޖެހިފައިވާ ދެ ކޮޓަރީގެ 6880 ފުލެޓަކީ 550 އަކަފޫޓްގެ ކުދި ތަންތަން ކަމަށް ވުމާއެކު، އެތަންތަނަކީ ރާއްޖޭގެ އާއިލާއެއްގެ ނިސްބަތުން ދޫކުރުމަށް އެންމެ އެކަށީގެންވާ ތަންތަން ނޫން ކަމަށެވެ. އަދި މިހާރު އިމާރާތް ކުރަމުންދާ އިމާރާތްތަކުގެ ސްޓްރަކްޗާއަށް ބަދަލު ނާންނާނެ ގޮތުގެ މަތިން ތިން ކޮޓަރިއަށް ބަދަލުކުރެވެން ހުރި ހުރިހާ އެޕާޓްމަންޓްތަކެއް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"މިގޮތަށް ބަދަލުކުރުމުން މި މަޝްރޫއުގެ ދެ ކޮޓަރީގެ 1104 ހައުސިން ޔުނިޓާއި ތިން ކޮޓަރީގެ 2484 ހައުސިން ޔުނިޓަށް ބަދަލުކުރެވިގެންދާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ. މި ބަދަލާއެކު ހައުސިން ޔުނިޓްގެ ޖުމްލަ އަދަދު 3588 ހައުސިން ޔުނިޓަށް ބަދަލުވެގެންދާނެ. ދެ ކޮޓަރީގެ ފުލެޓަކީ، ފުލެޓަކަށް ފަސް މީހުން ކަމާއި، ތިން ކޮޓަރީގެ ފުލެޓަކީ ހަތް މީހުންގެ ނިސްބަތަށް ބެލުމުން މިއީ ގާތްގަޑަކަށް 22908 މީހުން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން މި ބަދަލު ގެންނަނީ ސޯޝަލް ހައުސިން ޕްރޮގްރާމުގެ ބޯހިޔާވަހިކަމަކީ ދިރިއުޅުމަށް އެކަށީގެންވާ ތަންތަނަށް ހެދުމަށްޓަކައި ކަމަށެވެ. އަދި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރަން ނުފަށާ ހުރި 2500 ފުލެޓް ޑިޒައިންކޮށްފައިވަނީ ވެސް ދެ ކޮޓަރީގެ ގޮތުގައި ކަމަށާއި، ސަރުކާރުން ނިންމާފައިވަނީ މި ފުލެޓްތައް ތިން ކޮޓަރީގެ ފުލެޓްތަކަކަށް ބަދަލުކުރުމަށް ކަމަށެވެ.

އަދި މިކަމާއި ކޮންޓްރެކްޓަރާއި މަޝްވަރާކޮށްގެން މި ބަދަލު ގެނައުމުގެ މަސައްކަތް ހައުސިން ޑިވަލަޕްމަންޓް ކޯޕަރޭޝަނުން ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ހިޔާ މަޝްރޫއުގެ ދަށުން ފުލެޓް ދިނުމަށް ހޮވިފައިވާ ފަރާތްތަކަކީ ޝަރުތުފުރިހަމަވާ ފަރާތްތަކެއް ކަމަށް ކަށަވަރު ކުރުމުގެ މަސައްކަތް ރައީސް އުފައްދަވާފައިވާ ހާއްސަ ކޮމިޓީއަކުން ބަލަމުން ގެންދަވާ ކަމަށާއި، މި ބަދަލާއެކު ފުލެޓްތަކުގެ އަދަދު މަދުވި ނަމަވެސް، މި ޕްރޮގްރާމުގެ ދަށުން ހޮވިފައިވާ ޝަރުތު ފުރިހަމަވާ ހައްގުވެރިންނަށް ފުލެޓް ދިނުމަށްޓަކައި ސަރުކާރުން އިތުރު ފުލެޓް އިމާރާތްކުރައްވާ އެފަރާތްތަކަށް ހައްގުވާ ފުލެޓް އެފަރާތްތަކަށް ދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިހަވަހީގައި ތަރައްގީ ކުރަމުންދާ 7000 ހައުސިން ޔުނިޓްގެ މަސައްކަތަކީ ހައުސިން ޑިވަލަޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއި ޗައިނާ ސްޓޭޓް އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ޖުލައި 20، 2016 ވަނަ އަހަރު އެގްރީމެންޓުގައި ސޮއިކުރެވިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު 19، 2017 ގައެވެ. މި މަޝްރޫއުގެ ދަށުން ފުލެޓް އެޅުމަށް ޑިޒައިންކޮށް ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ 20 ކޮޓަރީގެ 6880 ފުލެޓެެވެ.