ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމަށް އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ކުންފުންޏަކަށް ދޭ 2026 ވަނަ އަހަރުގެ "ރިވެލި އެވޯޑު"، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އަށް ލިބިއްޖެއެވެ.
މި އެވޯޑަކީ މުޖުތަމައުގެ އެންމެހައި ފަރުދުން ޝާމިލުކޮށްގެން ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ދިން އެވޯޑެކެވެ. އެޗްޑިސީގެ ތަފާތު އެކި ދާއިރާތަކާއި މަގާމުތަކުގައި، ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 46 މުވައްޒަފުން މިހާރުވެސް ދަނީ ހިދުމަތް ކުރަމުންނެވެ. އަދި އެފަރާތްތަކުގެ ހުނަރު ތަރައްގީކޮށް، ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ވަނީ ހިންގާފައެވެ.
މީގެ އިތުރުން އެ ކުންފުނިން ވަނީ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނާއި ކަސްޓަމަރުންނަށް ފަސޭހައިން ބޭނުންކުރެވޭނެހެން އެ ކުންފުނީގެ އޮފީސް އިމާރާތަށް ޒަމާނީ ބަދަލުތަކެއް ގެނެސްފައެވެ. ހާއްސަކޮށް، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރާ ސަލާމަތީ ނިޒާމުތައް، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހައިން ސަމާލުވެވޭނެ އިންތިޒާމުތަކާއެކު ވަނީ ފަރުމާކޮށްފައެވެ.
އެޗްޑީސީން ހުޅުމާލޭގެ މާސްޓާ ޕްލޭނާއި ތަރައްގީގެ އެކި މަޝްރޫއުތައް އެކުލަވައިލުމުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާއްސަ ބޭނުންތަކަށް ރިއާޔަތްކޮށް މަގުތަކާއި، އާންމު ޕާކުތަކާއި އަދި އިމާރާތްތަކަކީ އެފަދަ ފަރާތްތަކަށް ހުރަހެއްނެތި ފަސޭހައިން ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
