ނޯމެޑް ލޯޔާގެ ރިޕޯޓުން ދައްކާ ގޮތުގައި އައްސޭރިފަށުގެ މަންޒިލްތަކުން މިހާރު އަމާޒުހިފާފައިވަނީ ފަތުރުވެރިންގެ އަދަދު ގިނަކުރުމުގެ ބަދަލުގައި ކޮންމެ މީހެއްގެ އަތުން ލިބޭ އާމްދަނީ އިތުރުކުރުމަށެވެ.

ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ ބަދަލުގައި، ކޮންމެ ފަތުރުވެރިއެއްގެ ފަރާތުން ލިބޭ އާމްދަނީ އިތުރުކުރުމަށް އަމާޒުކޮށްގެން ރާއްޖެއާއި އަބޫދާބީ ހިމެނޭ ގޮތަށް އައްސޭރިފަށުގެ ފަތުރުވެރިކަމުގެ މަންޒިލްތަކުން ސިޔާސަތުތައް ބަދަލުކުރަން ފަށައިފިއެވެ.

ފަތުރުވެރިކަމާއި ގާނޫނީ ދާއިރާގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ "ނޯމެޑް ލޯޔަރ" އިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ރާއްޖެ، އަބޫދާބީ، މޮރިޝަސް، ސީޝެލްސް އަދި އޮމާން ފަދަ ގައުމުތަކުން މިހާރު އަމާޒުހިފާފައިވަނީ ފަތުރުވެރިންގެ އަދަދު ގިނަކުރުމުގެ ބަދަލުގައި މަތީ ފަންތީގެ އާމްދަނީއެއް ހޯދުމަށެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހަމައެކަނި ގުދުރަތީ ރީތިކަން ވިއްކައިގެން ފަތުރުވެރިން ހޯދުމުގެ ބަދަލުގައި، ސަގާފީ އަދި ސިއްހީ ދުޅަހެޔޮކަމާ ގުޅޭ ތަޖުރިބާތައް ހިމަނައިގެން ފަތުރުވެރިން ހޭދަކުރާ މުއްދަތު އިތުރުކުރުމަށް މި މަންޒިލްތަކުން ދަނީ މަސައްކަތްކުރަމުންނެވެ.

އަބޫދާބީގެ 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ، އެ ގައުމުގެ ހޮޓާތަކަށް ލިބުނު އާމްދަނީ 9.1 ބިލިއަން ދިރުހަމަށް އަރާފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 19.5 އިންސައްތައިގެ ކުރިއެރުމެކެވެ. އަބޫދާބީގެ ހޮޓާތަކުގެ ކޮޓަރިއަކަށް ލިބޭ އެވްރެޖް އާމްދަނީ 19 އިންސައްތަ އިތުރުވެފައިވާއިރު، ލިބެން ހުރި ކޮންމެ ކޮޓަރިއަކަށް ލިބުނު އާމްދަނީ ވަނީ 23 އިންސައްތަ އިތުރުވެފައެވެ. މިއީ މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން އަގުތައް މަތިކުރުމަށް ގެންގުޅޭ ސިޔާސަތެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިންގަނޑު (އަބޫދާބީ 2025)

ޖުމްލަ ޒިޔާރަތްކުރި މީހުން - 26.6 މިލިއަން

ހޮޓާތަކުގައި ތިބި މީހުން - 5.9 މިލިއަން

ހޮޓާތަކުގެ އާމްދަނީ - 9.1 ބިލިއަން ދިރުހަމް

ހޮޓާތައް ފުރިފައިވާ މިންވަރު - 81 އިންސައްތަ

އެވްރެޖްކޮށް މަޑުކުރި މުއްދަތު - 2.9 ރޭ

މީގެ އިތުރުން، އަބޫދާބީގައި ބާއްވާ ބައްދަލުވުންތަކާއި ކޮންފަރެންސްތަކަށް ޒިޔާރަތްކުރި މީހުންގެ އަދަދު 40 އިންސައްތަ އިތުރުވެ، 2.2 މިލިއަނަށް އަރާފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ސަގާފީ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި 4.2 މިލިއަން މީހުން ބައިވެރިވެފައިވާ ކަމަށް ނޯމެޑް ލޯޔަރ އިން ރިޕޯޓުކޮށްފައިވެއެވެ.

ރާއްޖޭގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައި އެ ރިޕޯޓުގައި ބުނެފައިވަނީ، 2025 ވަނަ އަހަރު ރާއްޖެއަށް 2.2 މިލިއަނެއްހާ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިއީ 9.8 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ފަތުރުވެރިކަމުން ލިބުނު އާމްދަނީ ވަނީ 16.4 އިންސައްތަ އިތުރުވެ، 5.57 ބިލިއަން ޑޮލަރަށް އަރާފައެވެ. ނަމަވެސް، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ އެނދުތަކުގެ ކެޕޭސިޓީ 4.3 އިންސައްތަ އިތުރުވެފައިވާއިރު، ފަތުރުވެރިން ރޭކުރި އަދަދު އިތުރުވެފައިވަނީ އެންމެ 2.4 އިންސައްތައެވެ. ރާއްޖޭގައި އޮޕަރޭޓްކުރާ އެނދުގެ އަދަދު 64،377 އަށް އަރާފައިވާއިރު، ފަތުރުވެރިން ރޭކުރި ޖުމްލަ އަދަދަކީ 13.67 މިލިއަނެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ވިޒިޓް މޯލްޑިވްސް އިން މިހާރު އަމާޒުހިފާފައިވަނީ ތިމާވެށި ހިމާޔަތްކުރުމާ ގުޅިފައިވާ މަތީ ފަންތީގެ ތަޖުރިބާތައް ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި މުރަކަ އިންދުމާއި ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދުތައް ބޭނުންކޮށްގެން އާމްދަނީ ހޯދުން ހިމެނެއެވެ.

މޮރިޝަސްއަށް 2025 ވަނަ އަހަރު 1.4 މިލިއަނެއްހާ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިންޑިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 33.5 އިންސައްތަ އިތުރުވެފައެވެ. މޮރިޝަސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހޮޓާތަކުގައި ތިބޭ ފަތުރުވެރިން އެވްރެޖްކޮށް 93،900 ރުޕީސް ހޭދަކުރާއިރު، ހޮޓާތަކުގައި ނުތިބޭ ފަތުރުވެރިން ހޭދަކުރަނީ އެވްރެޖްކޮށް 34،300 ރުޕީސްއެވެ. އަބޫދާބީއަށް އިންޑިއާއިން ޒިޔާރަތްކުރި މީހުންގެ އަދަދުވެސް 22 އިންސައްތަ އިތުރުވެފައިވާ ކަމަށް ނޯމެޑް ލޯޔަރ އިން ރިޕޯޓުކޮށްފައިވެއެވެ.

އައްސޭރިފަށުގެ މަންޒިލްތަކުން ގެންނަމުންދާ މި ބަދަލުތަކާ ގުޅިގެން، ހަމައެކަނި ގޮނޑުދޮށުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި، ފަތުރުވެރިންނަށް ހާއްސަކޮށްގެން ފަރުމާކުރެވިފައިވާ ތަޖުރިބާތައް ފޯރުކޮށްދިނުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.