މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބޭންކުތަކަށް ވިއްކާ ބޭރު ފައިސާ، ރާއްޖެއަށް ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމްސްއާ ގުޅިގެން ވެރިފިކޭޝަން ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އެމްއެމްއޭއިން ފަށައިފިއެވެ.

އެމްއެމްއޭއިން ބުނީ ޓެލެގްރާފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ބޭރު ފައިސާގެ މުއާމަލާތް ހިންގާ ފަރާތްތަކުން އެ މުއާމަލާތާ ގުޅޭ މުދާ ރާއްޖެއަށް އެތެރެކުރާކަން ކަށަވަރުކުރުމަށްޓަކައި މި ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކަސްޓަމްސްއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި ޒަރޫރީ މުދާ އިމްޕޯޓްކުރާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށްދާ ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

މި އަހަރުގެ ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް 186 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދޫކޮށްފައިވާއިރު މިއީ މަހަކު އެވްރެޖްކޮށް 27 މިލިއަން ޑޮލަރެވެ. އަދި މިއީ ފާއިތުވި އަހަރަށްވުރެ މަހަކު 12 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ޖުމްލަ 570 މިލިއަން ޑޮލަރު (ދުވާލަކަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރު) ބޭންކުން ފޯރުކޮށްދީފައިވާއިރު ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވެފައިވާ ފިއްތުންތައް ކުޑަކުރުމަށްޓަކައި ރަމަޟާން މަހާ ދިމާކޮށް ބޭންކުތަކަށް ދޫކުރި ޑޮލަރު 32 ޕަސެންޓު ވަނީ އިތުރުކޮށްފައެވެ

މީގެ އިތުރުން، އޮފް-ސީޒަނާ ދިމާކޮށް ޖޫން މަހު ވަނީ ހަފުތާއަކު ދޫކުރާ ޑޮލަރު 26 ޕަސެންޓު އިތުރުކޮށްފައެވެ. މި ފިޔަވަޅުތަކަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމަށް އައި މަޑުޖެހުމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވުމުން، ބާޒާރުގައި ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އަޅަމުންދާ ފިޔަވަޅުތަކެއްކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.