ބޭރު ފައިސާއާ ބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ގޮތަށް އެއްވެސް ވަރަކަށް ބޭރު ފައިސާ މާރުނުކުރާ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ ނަންތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. އެގޮތުން، ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުކޮށްފައިނުވާ ރިސޯޓުތަކުގެ ގޮތުގައި އެމްއެމްއޭ އިން އާންމުކޮށްފައިވަނީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް އެވެ.

މަރުކަޒީ ބޭންކުން ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ފައިސާ މާރުކުރަންޖެހޭ ހުރިހާ ފަރާތްތަކުން ވެސް ގާނޫނާއި ގަވާއިދާ އެއްގޮތަށް އެކަން ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި މިހާތަނަށް އެމްއެމްއޭގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކަށް ރަޖިސްޓްރީވުމަށް ފަހު ފުރުސަތު ދީފައިވާ ކަމަށްވެސް އެ އޮތޯރިޓީން ބަޔާންކޮށްފައިވެއެވެ.

އެމްއެމްއޭ އިން އާންމުކުރި ކޮމްޕްލަޔަންސް ރިޕޯޓަށް ބަލާއިރު، ރާއްޖޭގެ ގިނަ ރިސޯޓުތަކުން ދަނީ ގާނޫނާ އެއްގޮތަށް ޑޮލަރު މާރުކުރުމުގެ ކަންކަން ފުރިހަމަކުރަމުންނެވެ. އެގޮތުން 78 ޕަސެންޓް ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންގޮސްފައިވާއިރު، އެންމެ އެކަށީގެންވާ ގޮތެއްގައި މާރުނުކުރަނީ 20 ޕަސެންޓް ރިސޯޓުންނެވެ. މި 20 ޕަސެންޓް ގެ ތެރޭގައި ހިމެނޭ ގިނަ ރިސޯޓުތަކުން އެކި ސަބަބުތަކާ ހުރެ ލުއިތަކެއް (ކޮންސެޝަން) ދިނުމަށް އެދިފައިވީ ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމަށް އެމްއެމްއޭ އިން ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމުގައިވާ ގެސްޓްހައުސްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ސަފާރީ އަދި ހޯމްސްޓޭ ފަދަ ތަންތަން ހިމެނޭ ކެޓަގަރީ 'ބީ' ގެ 48 ޕަސެންޓް ތަނުން ވަނީ ފައިސާ މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައެވެ. އެންމެ އެކަށީގެންވާ ގޮތެއްގައި މިކަން ކުރިއަށް ނުގެންދަނީ 15 ޕަސެންޓް ތަނުންނެވެ. އަދި 37 ޕަސެންޓް ތަނަކުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައެއް ނުވެއެވެ. މިއީ މެދު ފަންތީގެ ވިޔަފާރިތަކަށް ވާތީ، ގާނޫނުގެ ތެރެއިން އެ ފަރާތްތަކަށް އިތުރު ފުރުސަތު ދީ، ގަވާއިދަށް އަހުލުވެރިކުރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އަހަރެއްގެ މައްޗަށް 15 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތައް ހިމެނޭ ކެޓަގަރީ 'ސީ' އަށް ބަލާއިރު، އޭގެ ތެރެއިން 38 ޕަސެންޓް ތަނުން ޑޮލަރު މާރުކުރުމުގެ ކަންކަން ފުރިހަމަކޮށްފައިވެއެވެ. މި ކެޓަގަރީގެ 33 ޕަސެންޓް ތަނުން އެކަށީގެންވާ ގޮތެއްގައި މާރުނުކުރާއިރު، 29 ޕަސެންޓް ތަނަކުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައެއް ނުވެއެވެ. މި ފަރާތްތަކުން ވެސް ލުއި ހޯދުމަށް އެދިފައިވީ ނަމަވެސް، އެކަމުގައި ގޮތެއް ނިންމޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށްވާތީ އެ އިސްލާހުތައް ވަނީ ހުށަހަޅާފައެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރެވޭ ޑޮލަރުގެ 90 ޕަސެންޓް އެމްއެމްއޭ އަށް ޖަމާކުރާއިރު، އޭގެ ތެރެއިން 30 ޕަސެންޓް އެމްއެމްއޭ އިން ދަނީ ދިވެހި ބޭންކުތަކަށް އިސްކަންދީގެން ބޭންކުތަކަށް އަނބުރާ ދޫކުރަމުންނެވެ. ބޭންކުތަކަށް ދޫކުރާ މި ބައި ހާއްސަކުރެވެނީ އާންމުންގެ ޒަރޫރީ ބޭނުންތަކަށާއި، ކާބޯތަކެތި އެތެރެކުރުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށެވެ. އަދި އެމްއެމްއޭގައި ބަހައްޓާ ބާކީ ޑޮލަރު މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ގައުމަށް ބޭނުންވާ އަސާސީ މުދަލާއި، ތެލާއި، ގޭސް އަދި ބޭސް ފަދަ މުހިންމު ތަކެތި އިމްޕޯޓް ކުރުމަށެވެ. އެހެންކަމުން މާރުކުރެވޭ ޑޮލަރުގެ ސީދާ ފައިދާ ދަނީ ދިވެހި ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލިބެމުންނެވެ.