މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ މުހިންމު ސްޓޭކްހޯލްޑަރުން ކަމުގައިވާ ކްލިއާިން އޭޖެންޓުންނާއި ލޮރީ ޑްރައިވަރުންނާ މިއަދު ބައްދަލުކޮށްފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމަކީ، ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ މަސައްކަތުގައި އަމަލީގޮތުން އުޅޭ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އެމްޕީއެލް އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ކްލިއަރިިން އޭޖެންޓުންނާއި ލޮރީ ޑްރައިވަރުން ވަނީ ތިލަފުށީ ބަނދަރުގައި ވީހާވެސް އަވަހަށް މުދާ ކްލިއާކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން އެބޭފުޅުންގެ ހިޔާލުތައް ހިއްސާކުރައްވާފައެވެ. އެމްޕީއެލްގެ އަމާޒަކީ ހިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ފަސޭހަ އަދި އަވަސްވާނެ ގޮތަކަށް ތިލަފުށީ ބަނދަރުގެ އޮޕަރޭޝަންތައް ބައްޓަންކުރުމެވެ.
މާލޭ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަށްޓަވާފައިވާ މި މަޝްރޫއުގެ ދަށުން، ތިލަފުށީގައި ތަރައްޤީކުރަނީ ބައިނަލްއަގުވާމީ ފެންވަރުގެ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕާޕަސް ބަނދަރެކެވެ. މި ބަނދަރުގައި ޒަމާނީ ކޮންޓޭނާ ޓާމިނަލްތަކާއި، ކޮންޓޭނާ ފްރައިޓް ސްޓޭޝަންތަކުގެ އިތުރުން، އަވަހަށް ހަލާކުވާ މުދާ ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖްތަކާއި ބޮންޑެޑް ވެއާހައުސްތައް ހިމެނޭނެއެވެ.
އެމްޕީއެލް އިން މައުލޫމާތު ދޭ ގޮތުގައި، މިހާތަނަށް ސަރުކާރުގެ މިނިސްޓްރީތަކާއި، ވިޔަފާރިވެރިންނާއި، ޝިޕިން އޭޖެންޓުން ފަދަ ގިނަ ފަރާތްތަކަކާ މަޝްވަރާ ކުރެވިފައިވާއިރު، ކުރިއަށް އޮތް ތަނުގައިވެސް އެހެނިހެން ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރާނެއެވެ.
މި ބޮޑު މަޝްރޫއު ނިމި، އަންނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހު ހިދުމަތަށް ހުޅުވުމަށް އަމާޒު ހިފާފައިވާއިރު، މިއީ ރާއްޖޭގެ އިގްތިސާދަށް އަންނާނެ ވަރަށް ބޮޑު އިންގިލާބީ ބަދަލެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ. މި ބަނދަރު ފުރިހަމަވުމުން ވިޔަފާރިވެރިންނަށް 24 ގަޑިއިރު މެދުނުކެނޑި ހިދުމަތް ލިބިގެންދާނެއެވެ.
