ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، ޖަވާބުދާރީކުރުވުމަށް އެމްއެމްއޭގެ ގަވަރުނަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދި އިދިކޮޅު އެމްޑީޕީން މިއަދު މަޖިލީހަށް ސިޓީއެއް ފޮނުވައިފިއެވެ.

އެމްޑީޕީގެ މައިކްރޯ އިކޮނޮމިކް ކޮމިޓީގެ މުގައްރިރު ހުސެން އަމްރު ސޮއެ ކުރައްވާ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހީމަށް އެމްޑީޕީން ފޮނުވި ސިޓީގައި ބުނެފައިވަނީ، 2024 ޖުލައި މަހުގެ ކުރީކޮޅު ޑޮލަރެއްގެ އަގު 17.40 ރުފިޔާގައި ހުރި ނަމަވެސް، މިހާރު އެ އަގު 22.10 ރުފިޔާއަށް އުފުލިފައިވާ ކަމަށެވެ. މިއީ ރަސްމީ އެކްސްޗޭންޖް ރޭޓަށްވުރެ 6.68 ރުފިޔާ އިތުރު އަދަދެއްކަން ފާހަގަކޮށް، މިއީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތަކަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

އެމްޑީޕީގެ ސިޓީގައި ގަވަރުނަރާ ސުވާލުކުރުމަށް ހަ ކަމެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި، ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލެން މެދުވެރިވި ސަބަބާއި، ފާޅުކަން ބޮޑުކޮށް ކަޅު ބާޒާރެއް ހިންގަމުންދާއިރު އެކަން ނުހުއްޓުވެނީ ކީއްވެގެންތޯ އާއި، މި ޙާލަތުން އަރައިގަތުމަށް އެމްއެމްއޭއިން ގެންގުޅޭ ޕްލޭނަކީ ކޮބައިތޯ ސާފުކުރުން ހިމެނެއެވެ.

އެމްޑީޕީގެ ސިޓީގައި އިތުރަށް ބުނެފައިވަނީ، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަކީ އެމްއެމްއޭގެ ގާނޫނީ މަސްއޫލިއްޔަތެއް ކަމަށާއި، މިކަމުގައި ގަވަރުނަރު ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި މި ޙާލަތަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ދިމާވާ ކަމެއް ނަމަ، އެކަންވެސް ސާފުވާންޖެހޭނެ ކަމަށް އެމްޑީޕީން ބުނެއެވެ.

މި މައްސަލައިގައި މާލިއްޔަތު ކޮމިޓީން އިސްނަގައި، ވީއެންމެ އަވަހަށް ގަވަރުނަރާއި ކަމާބެހޭ އިސްވެރިން ހާޒިރުކޮށް، ރައްޔިތުންނަށް ސާފު ޖަވާބެއް ހޯދައިދިނުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.