"ފްރެންޑްސް 4" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި ބޭރުގެ ގައުމުތަކުގެ އެހީތެރިކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން އެދިއްޖެއެވެ.

ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ހާދިސާއާ ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް، އެމްއެންޑީއެފް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ވަގުތަށް އެންމެ ބޮޑު އިސްކަމެއް ދެނީ ގެއްލިފައިވާ ތިން މީހުން ހޯދުމަށް ކުރާ މަސައްކަތަށް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. މިގޮތުން، މިހާރު ކުރިއަށްދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަށް ބޭނުންވާ އިތުރު ފަންނީ އެހީތެރިކަމާއި ވަސީލަތްތައް ހޯދުމަށް ރާއްޖޭގެ ބައިލެޓަރަލް ޕާޓްނަރުން ނުވަތަ އެކުވެރި ގައުމުތަކާ މަޝްވަރާ ކުރަމުންދާ ކަމަށްވެސް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

މީގެ އިތުރުން، އަޑިއަށް ދިޔަ ދޯނި ހޯދުމުގެ މަސައްކަތުގައިވެސް ބޭރުގެ އެހީތެރިކަން ހޯދުމަށް ވަނީ ރޭވިފައެވެ. ފޮރިން މިނިސްޓްރީން ވަނީ މި ދަތި އުނދަގޫ ވަގުތުގައި ގެއްލުނު މީހުންގެ އާއިލާތަކަށް ހަމްދަރުދީ ފޮނުވާފައެވެ.

މިހާދިސާގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ރޭ އެމްއެންޑީއެފުން ބުނީ ފްރެންޑް 4 ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލާއި، ކަނޑުމަގުން 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިފައިވާކަމަށެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައި ނުވާކަމަށްވެސް އެމްއެންޑީއެފް އިން ހާމަކޮށްފައިވެއެވެ.

ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް، އޭގެ ކައްޕި އާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިގެން ހޯދަމުންދާކަން ހާމަކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. މި ހާދިސާ ހިނގާފައި ވަނީ 8 މީހުންނާއެކު ދަތުރުކުރި މި ދޯނި، ރާޅު އަރައި ދިޔަވަމުންދާތީ އެ އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތްކުރަމުން ދަނިކޮށެވެ.

މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި ހިމެނެނީ ދޯނީގެ ކެޕްޓަންގެ އިތުރުން، އެހީތެރިކަން ފޯރުކޮށްދިނުމުގައި އުޅުނު ސިފައިންގެ މީހަކާއި ފުލުހުންގެ މީހެކެވެ.