ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ގާތް ގުޅުން އިތުރު ހަރުފަތަކަށް އަރުވާ، ރަސްމީ "ޕާޓްނާޝިޕް" އަކަށް ބަދަލުކުރުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ.

މިކަމަށް އެއްބަސްވެފައިވަނީ މިއަދު މާލޭގައި ބޭއްވުނު "ތާޑް މޯލްޑިވްސް އޮސްޓްރޭލިއާ ސީނިއާ އޮފިޝަލްސް ޓޯކްސް" (ދިވެހިރާއްޖެއާއި އޮސްޓްރޭލިއާގެ އިސްވެރިންގެ 3 ވަނަ މަޝްވަރާ ބައްދަލުވުން) ގައެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުން ކޯ ޗެއާ ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި، އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ފަސްޓް އެސިސްޓެންޓް ސެކްރެޓަރީ ސާރާ ސްޓޯރީކަމަށެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ އިސްވެރިން ވަނީ ވޭތުވެދިޔަ އަހަރު ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ގުޅުމަށް އައިސްފައިވާ އެދެވޭ ކުރިއެރުންތައް ފާހަގަކުރައްވާފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި ގާޑިއަން ކްލާސް "ސީޖީއެސް އިމާދުއްދީން" 27 ޖުލައި 2026 ގައި ކޮމިޝަންކުރުމާއި، މިއަހަރުގެ މޭ މަހު މާލެއާއި މެލްބަންއާ ދެމެދު ސީދާ އެއާލައިން ދަތުރުތައް ފެށިގެން ދިއުން ވަނީ ފާހަގަކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ގުޅުން ރަސްމީ ޕާޓްނާޝިޕަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން، ގުޅުން އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ މުހިންމު ދާއިރާތަކުގެ ތެރޭގައި ދިފާއީ އަދި ސެކިއުރިޓީ، އިގްތިސާދާއި ވިޔަފާރި، ތައުލީމާއި އިންސާނީ ވަސީލަތް ތަރައްގީކުރުން، އަދި ތިމާވެއްޓާއި މޫސުމީ ބަދަލުތަކުން ރައްކާތެރިވުން ހިމެނޭކަމަށެވެ.

އެގޮތުން އިންޑިއާ ކަނޑާއި އިންޑޯ ޕެސިފިކް ސަރަހައްދުގެ ސުލްހައާއި، ހަމަޖެހުމާއި ފާގަތިކަން ދެމެހެއްޓުމަށް ދެމެހެއްޓެނިވި އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބިކަން ހާމަކުރައްވާ ދެ ގައުމުން ވަނީ މޫސުމީ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްގީ އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގައި ބައިނަލްއަގުވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައެވެ.