ކ. މާފުށީގައި ޕެރެސެއިލިން ކުރަން އުޅުނު މީހެއްގެ ވައިކުޑަ ފަޅައިގެންގޮސް ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެ ރަށުން މި ނޫހާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ވައިކުޑަ ފަޅައިގެން ގޮސްފައިވަނީ އައި ވިލާ ގަނޑަކާ ގުޅިގެން އެ މީހުން ތިރިކުރަން އުޅުނު ވަގުތުއެވެ. އަދި އެވަގުތު ޕެރެސައިލިންގައި ދެ މީހަކު އިން ކަމަށް ވެސް އެ މީހާ ވަނީ މައުލޫމާތު ދީފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯޯއިން ފެން ގޮތުގައި ވައިކުޑަ ފަޅައިގެން ގޮސް، އެ ވެއްޓި އެޅުނީ މާފުއްޓާއި ކުޑަމާފުއްޓާ ދެމެދު އަޅާފައިވާ ޒިޕްލައިނުގަ އެވެ. އަދި މާ ގިނައިރުތަކެއް ނުވެ އެކަކު މޫދަށް ވެއްޓޭ މަންޒަރު ވެސް ފެންނައިރު އަނެކަކު ޕެރސައިލިންގައި މައްޗަށް ދާ މަންޒަރު ފެނެއެވެ. މޫދަށް ވެއްޓުނު މީހާ ސަލާމަތްކޮށްފައި ވަނީ އެވަގުތު އެ ސަރަހައްދުގައި ޖެޓްސްކީގައި ހަރަކާތްތެރިވި ބަޔަކު ކަމަށް ވެއެވެ.

ވެއްޓުނު މީހާއަށް ވެސް މާބޮޑު އަނިޔާތަކެއް ނުވާ ކަމަށް އެ ރަށުން މައުލޫމާތު ދިން މީހާ ބުނެއެވެ. މިހާދިސާ ހިނގިއިިރު ޕެރެސައިލިންގައި ތިބި 2 މީހުން ވެސް ތިބީ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ކަމަށް ވެއެވެ.

މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެ މޫދަށް އެރިި އުޅޭއިރު އާއި ކަނޑު ދަތުރުފަތުރު ކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބައެއް ހިސާބުތަކަށް ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން މިއަދު ލަފާކޮށްފައި ވެއެވެ.