ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އިސްރަށްވެހިންނަށް އިސްކަންދޭ އާ ނިޒާމެއް އިމިގްރޭޝަނުން ތައާރަފުކޮށްފިއެވެ.
އިމިގްރޭޝަންގެ ހިދުމަތަށް ގެނައި މި ބަދަލުތައް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ. އިމިގްރޭޝަނުން ބުނީ އަލަށް ތައާރަފްކުރި ޕާސްޕޯޓް ނިޒާމަކީ ހިދުމަތް ހޯދުމުގައި ކުރިމަތިވާ ތަކުލީފުތައް ނައްތާލައި، ވީހާވެސް އަވަސް އަދި ލުއިފަސޭހަ އިންތިޒާމެއްގެ ތެރެއިން ޕާސްޕޯޓު ފޯރުކޮށްދިނުމުގެ ބޭނުމުގައި ތައާރަފު ނިޒާމެއް ކަމަށެވެ.
އެ ނިޒާމުގައި، ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަ އެހީތެރިކަމެއް ލިބެން ހުންނާނެކަމަށާއި އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅުމުގައި ދަތިތައް ކުރިމަތިވާ އިސްރަށްވެހިންނަށް، އިމިގްރޭޝަންގެ އެހީތެރިކަމާއެކު ފޮޓޯ ނެގުމާއި އެޕްލިކޭޝަން ފުރިހަމަކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އަދި ހަމަ އެހެންމެ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ ހިތްގައިމު މާހައުލެއް ގާއިމުކޮށް، އާންމު މައުލޫމާތާއި އިރުޝާދު ދިނުމަށް ހާއްސަ"އިންފޮމޭޝަން ކައުންޓަރެއް" ވެސް ގާއިމް ކޮށްފައި ވެެއެވެ.
މީގެ އިތުރުންވެސް ރޭ ވަނީ "އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ"ގެ ނަމުގައި ހާއްސަ މައުރަޒެއް ހުޅުވާފައެވެ. މި މައުރަޒުގައި 1950 ވަނަ އަހަރު އިމިގްރޭޝަން އުފެދުނީއްސުރެ މިއަދާ ހަމައަށް މުއައްސަސާގެ އެކި މަސައްކަތުގައި ބައިވެރިވި ފަރާތްތަކުގެ އިތުރުން ހޯދާފައިވާ ކުރިއެރުންތައް ދައްކުވާދެއެވެ.
އަދި "ފްރޮމް ދަ އާކައިވް"ގެ ނަމުގައި ހާއްސަ ކޮށްފައިވާ ބައިން މުއައްސަސާގެ ކުރީގެ ފޮޓޯތަކާއި އިމިގްރޭޝަންގެ ކުރިއެރުމަށް މަސައްކަތް ކުރި އޮފިސަރުންގެ ހަނދާންތައް ފެންނަން ހުރެއެވެ.
މި ހިދުމަތްތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލަ ޖެނެރަލް އޮފް އިމިގްރޭޝަން އަހްމަދު ފަސީހު ވިދާޅުވީ، ދިވެހި ރައްޔިތުންނާ އެންމެ ގާތުން ގުޅިފައިވާ މިފަދަ ހިދުމަތްތައް މެދުނުކެނޑި ތަރައްގީކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓުގެ ހިދުމަތް ލިބޭއިރު، އެއްވެސް ތަކުލީފެއް ނެތި ކޮންމެ ރައްޔިތަކަށްވެސް އެ ހިދުމަތް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަކީ އިމިގްރޭޝަންގެ އިސް އަމާޒުކަމަށް ފަސީހު ވިދާޅުވިއެވެ.
