މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ދިގަމިގިލީ، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ހަސަންއެވެ. އޭނާގެ ބަންދަށް ފުރަތަމަ ކޯޓުން 15 ދުވަސް ދީފައިވާއިރު، އެ މުއްދަތު ހަމަވެގެން މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ. އެއީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައެވެ.
އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި، ބާރު ސްޕީޑުގައި ޒިގްޒެގްކޮށް ނުރައްކާތެރިކޮށް ދުއްވި މީހެއްކަން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މި އަހަރު ތެރޭ ހަތަރު ފަހަރެއްގެ މަތިން ހިފަހައްޓައި ޖޫރިމާނާކޮށްފައިވާ މީހެކެވެ.
މި އެކްސިޑެންޓުގައި ޖުމުލަ ތިން މީހަކަށް އަނިޔާވި އިރު، ފަރުވާ ދެނިކޮށް އެކަކު ވަނީ މަރުވެފައެވެ. އެއީ، އިމިގްރޭޝަންގައި މަސައްކަތްކުރަމުން ދިޔަ އުމުރު 26 އަހަރުގެ އައިޝަތު މާހިދާއެވެ.
