ނުރައްކާތެރި ކުށްތަކާ އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތަކުގައި ޝާމިލުވާ މީހުން ރާއްޖެ އެތެރެވުމުގެ ކުރިން ދުރާލައި ދެނެގަތުމުގެ މަގުސަދު ގައި، ވައިގެ މަގުން ދަތުރުކުރާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނަށް ފޯރުކޮށްދިނުމުގެ ގަވައިދެއް އެކުލަވާލައި ގެޒެޓުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މި ގަވައިދަކީ އިމިގްރޭޝަންގެ ގާނޫނާއި ރާއްޖޭން ބައިވެރިވެފައިވާ ވައިގެ ދަތުރުފަތުރުގެ ބައިނަލްއަގުވާމީ މުއާހަދާތަކަށް ރިއާޔަތްކޮށް، ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކުލަވައިލި ގަވައިދެކެވެ.

މި ގަވައިދުގެ މަގުސަދަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި، ރާއްޖެއަށް އަންނަ އުޅަނދެއްގައި ތިބި މީހުންނާއި ރާއްޖޭން ފުރާ އުޅަނދެއްގައި ތިބި މީހުންގެ މައުލޫމާތު، އިމިގްރޭޝަނަށް ހުށަހަޅާނެ އިޖުރާތު ކަނޑައެޅުން ކަމަށް ގަވައިދުގައިވެއެވެ. އަދި މި ގަވައިދުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުންހުރި މީހުންނާއި ކުށްވެރިން ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ދުރާލައި ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެއެވެ.

މި ގަވައިދުގެ ދަށުން ހުށަހަޅަންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި ބޯޓުގެ މައުލޫމާތު، ފުރާ އަދި ޖައްސާ ދުވަހާއި ގަޑި، އަދި ފަސިންޖަރުންގެ މުޅި ޖުމްލަ އަދަދު ހިމެނެއެވެ. މީގެ އިތުރުން ފަސިންޖަރުންގެ މައުލޫމާތުވެސް ހުށަހަޅަންޖެހޭއިރު، ފަސިންޖަރުގެ ނަން، ޖިންސް، ގައުމިއްޔަތު، ޕާސްޕޯޓް ނަންބަރު، ސީޓު ނަންބަރު، އަދި ދާގީނާގެ މައުލޫމާތު ހިމަނަންޖެހެއެވެ.

މީގެ އިތުރުން ފަސިންޖަރުގެ ފަސިންޖަރުގެ ދާއިމީ އެޑްރެސް، ވިސާގެ މައުލޫމާތު، އަދި ރާއްޖޭގައި މަޑުކުރާނެ ނުވަތަ ދަތުރުކުރާ މަންޒިލުގެ އެޑްރެސް ހުށަހަޅަންޖެހެއެވެ. މި ގަވައިދު އަމާޒުވަނީ ރާއްޖެއަށް އަންނަ އަދި ފުރާ އުޅަނދުފަހަރުގެ ވެރިންނަށާއި، ޗާޓަރުކުރާ ފަރާތްތަކާއި، އޭޖެންޓުންގެ އިތުރުން އުޅަނދުތަކުގެ ކެޕްޓަނުންނަށެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި އެއްކުރެވޭ މައުލޫމާތުތައް ކަސްޓަމްސް އަދި، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކާ ހިއްސާކުރެވޭނެއެވެ. ނަމަވެސް، ހުރިހާ މައުލޫމާތެއްގެ ސިއްރު އިމިގްރޭޝަނުން ހިފަހައްޓަންޖެހޭނެ ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

މި ގަވައިދާ ހިލާފުވާ ފަރާތްތައް 2،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ހަމަޖެހިފައިވާއިރު، ގަވައިދަށް އަމަލުކުރަން ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.