ފަތުރުވެރިކަމުގެ ބޭނުމަށް، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިހުތިސާސުން އެ އަތޮޅު "ސަވާހެލި" ވަކިކުރައްވާ، އައްޑޫ ސިޓީގެ އިހުތިސާސަށް ބަދަލު ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ބަދަލު ގެންނަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި ގަރާރަކުން ކަމަށެވެ.

އަދި އިހުތިސާސަށް ގެނެވުނު ބަދަލު ދައްކުވައިދޭ ޗާޓާއެކު މި ގަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުގެ އުހުތިސާސުން ވަކިކުރެވޭ ރަށްރަށާއި ފަޅުތައް ދެން ބެލެވޭނީ ސަރުކާރުގެ ސީދާ ބެލުމުގެ ދަށުގައިވާ ތަންތަނުގެ ގޮތުގައެވެ.

މިއީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ދަށުން، ހާއްސަކޮށް ފަތުރުވެރިކަން މަޑުޖެހިފައިވާ ސަރަހައްދުތަކުގައި އިންވެސްޓްމަންޓްތައް އިތުރުކޮށް ވަސީލަތްތައް ތަރައްގީކުރުމަށް ގަވާއިދުން ކުރަމުންދާ ކަމެކެވެ.