ރާއްޖެއާ އެކުވެރި ގާތް ގުޅުންތައް ބާއްވާ ގައުމުތަކާއި ތަރައްގީގެ ބައިވެރިން ރާއްޖޭގެ އެތެރޭގެ ސިޔާސީ މައްސަލަތަކުގެ ތެރެއަށް ވެއްދުމަކީ ގައުމީ މަސްލަހަތު އޮތް ގޮތެއް ނޫން ކަމަށާއި، އެފަދަ ގުޅުންތައް ސިޔާސީ ވާދަވެރިކަމުން އެއްކިބާ ކުރަންޖެހޭ ކަމަށް ކުރީގެ ހާރިޖީ ވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ އިހުތިޖާޖާއި ސިޔާސީ ތަޅާފޮޅުންތައް އަމާޒުކުރަންވާނީ ސަރުކާރާ ދެކޮޅަށް ކަމަށެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދަނީ ސަރުކާރުގެ ދެފުށް ނުފެންނަ، ނާޖާއިޒު އަދި ނޭއްގާނީ އުސޫލުތަކާއި ގައުމީ މަސްލަހަތަށް ގެއްލުންވާ ފަދަ ނިންމުންތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަނާއި، ސިޔާސަތުތަކަށް އަވަސްއަވަހަށް ގެންނަ ބަދަލުތަކާއި ޔޫ-ޓާންތައް، އަދި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ވެފައިވާ އިހުމާލުތަކާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލުން މަތީ ދެމިތިބޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި މިފަދަ ކަންކަމުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ، ރާއްޖެއާ އެކުވެރި ގައުމުތަކާއެކު އޮތް ބަދަހި ގުޅުމަށް އެއްވެސް އުނިކަމެއް ނުލިބޭނެ ގޮތެއްގެ މަތިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝާހިދު މިފަދައިން ވިދާޅުވެފައިވާއިރު، ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސްއަށް ދޭން އުޅޭ މައްސަލައިގައި އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅާފައެވެ. މިރޭ 9 ޖަހާއިރު އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މި ގަރާރަށް ބަހުސް ކުރާނެ އެވެ.

މިކަމާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރަނގަޅު ވިޔަފާރި މުއާމަލާތެއްގައި މުދާ ވިއްކާ ފަރާތާއި ގަންނަ ފަރާތަށް ނުވަތަ ކުއްޔަށް ދޭ ފަރާތާއި ހިފާ ފަރާތަށް ވެސް އެއްފަދައަކުން ފައިދާވާން ޖެހޭނެކަމަށާއި. ނަމަވެސް ރަސްމާލޭން 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ހިލޭ، ދާއިމަށް ދިނުމުގައި އެ އުސޫލު ފެންނަން ނެތް ކަމަށާއި، މި މުއާމަލާތުން އިންތިހާއަށް ބޮޑު ފައިދާއެއް ލިބެމުންދަނީ އީގަލް ހިލްސްއަށް ކަމަށް ވިދާޅުވެފައެވެ.

ދިވެހި ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަރަދުކޮށްގެން ބިން ހިއްކާއިރު، އޭގެ ތެރެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދޫކުރަނީ މުޅިން ހިލޭކަން ފާހަގަކޮށް ސޯލިހް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އެކަށީގެންވާ މާލީ ފައިދާއެއް ފެންނަން ނެތް ކަމަށެވެ.

ޝާހިދު މިފަދައިން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް ނަޝީދު ވަނީ އެމްޑީޕީއަކީ ކުރިން ހުޅުވާލެވިފައިވާ ވިސްނުންތަކަށާއި، ތަފާތު ހިޔާލުތަކަށް ޖާގަދިނުމާއި، ޑިމޮކްރެޓިކް އިސްލާހީ ބަދަލުތަކަށް ވަކާލާތުކުރި ޕާޓީއެއް ކަމަށެވެ. ނަމަވެސް، މިހާރު ފެންނަމުންދަނީ ބޭރު މީހުންނާ މެދު ނަފުރަތު އުފެއްދުމާއި، ހައްދުފަހަނައެޅި ގައުމިއްޔަތުކަމުގެ ވާހަކަތައް ދައްކާ ޕާޓީއަކަށް އެމްޑީޕީ ބަދަލުވަމުންދާ މަންޒަރު ކަމަށް ވިދާޅުވެފައެވެ.