ރަސްމާލޭގައި ހިންގަން ނިންމާފައިވާ މޯލްޑިވަސް ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއާ ގުޅޭ ގޮތުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލަން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
އެ ޕާޓީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒު ސައީދު އެވެ. އަދި އެ ގަރާރަށް ތާއީދު ކޮށްފައި ވަނީ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރުއެވެ.
މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއާމެދު ދެކޭ ގޮތް ބެލުމަށް އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި، އެފަދަ ވޯޓަކަށް ސަރުކާރުން އެއްބަސްނުވެއްޖެ ނަމަ އެ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.
ގަރާރުގެ ބަހުސް ކުރިއަށް ގެންދިޔައިރު ގިނަ މެންބަރުން ވަނީ އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރު ދީގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ ނުރުހޭ ކަމަށް ވިދާޅުވެ ވާހަކަ ދައްވާފައެވެ. އަދި މަޝްރޫއާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފަހު ނޫނީ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ގިނަ މެންބަރުން ވަނީ އިއްތިފާގުވެފައެވެ.
އެ ގަރާރު ފާސްވެފައިވަނީ ހާޒިރުވެވަޑައިގެން ތިއްބެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓުންނެވެ.
އެމްޑީޕީގެ ގިނަ މެންބަރުން މި މަޝްރޫއާ ދެކޮޅު ހެއްދެވި ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އީގަލް ހިލްސްއަށް 99 އަހަރަށް ދިނުމަށް މި ސަރުކާރުން ނިންމާފައިވާ ނިންމުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގައި މިވަގުތު ތިބި އެންމެންނަކީ ވެސް ބޭރުން އައިސް ވަޒަންވެރިވެގެން އުފެދިފައިވާ އާބާދީއެއްގެ ދަރިން ކަމަށާއި، އެފަދަ ނިންމުންތަކުން ނުކުންނާނީ ރަނގަޅު ނަތީޖާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ވާހަކަ ދެއްކެވި ނަމަވެސް މަހްފޫޒް ސައީދު ހުށަހެޅުއްވި ހުށަހެޅުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕަސަން ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް ވަނީ މިރޭ ތާއީދުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
