ވ. ފެލިދޫން މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަމަށް ފޭބި އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް ގަޔަށް ވަޅި ޖަހާ މަރާލިކަން ސާބިތުވެ، ލ. ފޮނަދޫ / ހިޔާ، ހަމްދޫން ހަމްޒަތު މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި މި މައްސަލަ މިހާރު ވަނީ އެ ކޯޓަށް ބަލައިގަނެ، ރަޖިސްޓްރީ ކޮށްފައެވެ. ނަމަވެސް، އިސްތިއުނާފުގެ އަޑުއެހުންތައް ފަށާނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ހަމްދޫން މަރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ހުކުމް އެގޮތަށް އައީ އޭނާގެ މައްޗަށް ކުށް ސާބިތުވުމުން، އާގިލްގެ ވާރިސުން ކަމަށްވާ އޭނާގެ މަންމަ އާއި ބައްޕަގެ ފަރާތުން މަރަށް މަރު (ގިސާސް) ހިފަން ބޭނުންވުމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ އޮގަސްޓް 31، 2018 ވީ ދުވަހުގެ ރޭގަނޑު 19:30 އެހާކަންހާއިރުއެވެ. ދައުލަތުގެ ދައުވާގައިވާ ގޮތުން، ވ. ފުލިދޫއިން މާލެއަށް އައި "ސްކަލް ރައިޑާ" ލޯންޗު އެމްއެމްއޭއާ ދިމާލުން ބޮޑުތަކުރުފާނު މަގުގެ ޖެޓީ ސަރަހައްދަށް ގާތްކުރި ވަގުތު، އެ ލޯންޗުން ފޭބި ގދ. ފަރެސްމާތޮޑާ، ފަރެސްއަވަށް، ކޮކާ، އިބްރާހިމް އާގިލަށް ތޫނު އެއްޗަކުން ހަމަލާދިނެވެ. ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް އާގިލް މަރުވީ އެރޭ 20:59 ގައެވެ.

މި މައްސަލައިގައި ދައުލަތުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހަމްދޫންގެ އިތުރުން ސ. ހިތަދޫ، ސްވޭހުހީނާގޭ، އަލީ މިޖުވާދު މާލިކްގެ މައްޗަށް ވެސް ކުރިއެވެ. އަދި އެކަމަށް އެހީތެރިވިކަމުގެ ދައުވާ ހއ. ދިއްދޫ، ސްނޯބޯޑް، އިބްރާހިމް ވިޝާމްގެ މައްޗަށް ކުރި ނަމަވެސް، ހަމްދޫން ފިޔަވައި ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ.

ޝަރީއަތުގައި ހެކިވެރިން ބުނި ގޮތުގައި، އެމްއެމްއޭ ސަރަހައްދުގައި ހަމްދޫން ވަޅިއެއް ހިފައިގެން އާގިލްގެ ފަހަތުން ދުވި މަންޒަރާއި، ވަޅި ޖެހުމާއެކު އާގިލް ވެއްޓުނު މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން އެނގެން އޮވެއެވެ. އަދި ހަމަލާދިނުމަށްފަހު، ހަމްދޫން މީހެއްގެ ސައިކަލު ފަހަތަށް އަރައިގެން ވިލިނގިލި ފެރީ ޓާމިނަލާ ދިމާލަށް ދިޔަ ކަމަށް ވެސް ހެކިބަހުން އެނގެއެވެ. ފުލުހުން މި މައްސަލައިގެ ހެކި ހޯދާފައިވަނީ ޖުމްލަ 20 ސީސީޓީވީ ފުޓޭޖަކުންނެވެ.

ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، އެމްއެމްއޭ ކައިރީގައި ދިން މި ހަމަލާއަކީ ގޭންގުތަކުގެ މެދުގައި ހިނގި ބަދަލުހިފުމުގެ މަރުތަކެއްގެ ތެރެއިން ހިނގި ހާދިސާއެކެވެ.