ރާއްޖޭގައި މަދަނީ ކަންކަމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި އަމުރު ނެރެފައިވަނީ އެ ޖަމިއްޔާއިން ވަކިކުރި މުވައްޒަފެއްގެ ވަޒީފާގެ މައްސަލައިގައި ކޯޓުން ނަގައިދިނުމަށް އެންގި ބަދަލު ދިނުމަށް އަމުރުކުރުމުންވެސް، އެ ފައިސާ ދައްކާފައިނުވާތީއެވެ.
މި މައްސަލައަކީ ޓްރާންސްޕޭރެންސީގެ ކުރީގެ މުވައްޒަފެއް ކަމަށްވާ އަލީ ޝަރީފާއެކު ވެފައިވާ ވަޒީފާގެ އެއްބަސްވުމާ ހިލާފަށް އެ ޖަމިއްޔާއިން އަމަލުކޮށްފައިވާ ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ. އަލީ ޝަރީފަށް އެހެން ޖަމިއްޔާއަކުން ވަޒީފާ ލިބިގެން އެކަން ޓްރާންސްޕޭރެންސީގެ ވެރިންނަށް އެންގި ހިސާބުން، އޭނާ ވަޒީފާއަށް ނުކުންނާނެ އެންމެ ފަހު ތާރީހެއް ކަމަށް ބުނެ އެއްބަސްވުމާ ހިލާފު ތާރީހެއް ކަނޑައަޅައި، އެހެން މުވައްޒަފުންނަށް އެންގި ކަމަށް މައްސަލައިގައިވެއެވެ.
އޭގެ ފަހުން އޭނާއަށް އެކި ކަހަލަ ފުރައްސާތަކާ، ތަފާތުކުރުންތައް ކުރިމަތިކުރުވައި، ވަޒީފާއިން ވަކިވުމަށް މަޖުބޫރުވާ ފަދަ މާހައުލެއް އުފެއްދާ ވަޒީފާއިން ވަކުވުމަށް ނޯޓިސް ދީފައިވާ ކަމަށް ވަނީ ބުނެފައެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މި މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ އަލީ ޝަރީފް ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ނޫން ކަމަށެވެ. އެހެންކަމުން އޭނާއަކީ ވަޒީފާއިން ވަކިވި މުވައްޒަފެއްގެ ގޮތުގައި ނުބަލައި، އަލުން ވަޒީފާ ރުޖޫއަކުރުމަށް އެންގިއެވެ. އަދި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި، ވަޒީފާއިން ވަކިވި ދުވަހުން ފެށިގެން ޓްރައިބިއުނަލުން މައްސަލަ ނިންމި ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 356,932ރ. ދިނުމަށް ޓްރާންސްޕޭރެންސީގެ މައްޗަށް އަމުރުކުރިއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، ހައި ކޯޓުން ވެސް ތާއިދުކުރީ ޓްރައިބިއުނަލްގެ ނިންމުމަށެވެ.
ހައި ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް އަލީ ޝަރީފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، މިދިޔަ ޖޫން މަހުގެ ތެރޭގައި ކޯޓުން ވަނީ 3 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ޓްރާންސްޕޭރެންސީއަށް އަމުރުކޮށްފައެވެ. ނަމަވެސް އެ މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީ، އަލީ ޝަރީފުގެ ވަކީލުންގެ ޓީމުން މި މަހުގެ 5 ވަނަ ދުވަހު ވަނީ އަވަސް ފިޔަވަޅެއްގެ ގޮތުން ޖަމިއްޔާގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްދިނުމަށް އެދިފައެވެ. އަދި ކޯޓު މެދުވެރިކޮށް އެ ފައިސާ ނަގައިދިނުމަށް އެދި ހުށަހެޅި ގޮތަށް ސިވިލް ކޯޓުން މިއަދު ވަނީ އަމުރު ނެރެދީފައެވެ.
