އުމްރާގެ މަތިވެރި އަޅުކަމަށް ފުރުވާލަދޭނެ ކަމަށް ބުނެ އާއިލާއެއްގެ އަތުން މަކަރާއި ހީލަތުން ނެގި ގިނަ އަދަދެއްގެ ފައިސާ، އެ ފަރާތްތަކަށް ރައްދުކޮށްދިނުމަށް އަސްކޮއި ޓްރެވަލްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް އިއްވައިފިއެވެ.
ބުދަ ދުވަހު ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ނިންމެވި މި ނިންމެވުމަކީ، އެއް އާއިލާއަކަށް ނިސްބަތްވާ ހަ މީހެއްގެ އަތުން ފައިސާ އަތުލުމަށްފަހު، އެ މީހުން އުމްރާއަށް ނުގެންގޮސް އެ ކުންފުނީގެ ވެރިން ފިލި މައްސަލައިގައި ކުރެއްވި ހުކުމެކެވެ. މި މައްސަލައިގައި ގެއްލުން ލިބުނު ފަރާތްތަކުން އަސްކޮއި ކުންފުންޏާއި، އެ ތަނުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދާ ދެކޮޅަށް ޝަރީއަތަށް ދިޔައީ، އެ މީހުން އަތުން ގެއްލުނު 155،700 ރުފިޔާ އަދި ވަކީލު ހަރަދުގެ ގޮތުގައި ހިނގި 42،000 ރުފިޔާ ހޯދުމަށެވެ.
ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ އަބްދުﷲ ރަޝީދާއި އޭނާގެ ކުންފުނިން ވަނީ އެ ފައިސާ ދެއްކުމަށް އިއުތިރާފުވެފައެވެ. އެހެންކަމުން، ގާޒީ އަލީ އަބްދުﷲ ވަނީ ކުރިއަށް އޮތް 24 މަސްދުވަހުގެ ތެރޭގައި އެއްބަސްވި ފައިސާ އެއްކޮށް ދައްކައި ނިންމުމަށް އަމުރުކުރައްވާފައެވެ. އެހެންނަމަވެސް، ޝަރީއަތަށް ދިޔަ ހަރަދު ނަގައިދިނުމަށް އެދުނު ބައި ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.
މީގެ ކުރިން ވެސް އަސްކޮއި ގުރޫޕުގެ މިފަދަ މައްސަލަތަކެއް ފެންމަތިވެފައި ވެއެވެ. އާންމުންގެ އިތުބާރު ގެއްލޭ ގޮތަށް އުމްރާގެ ނަމުގައި ހިންގާ މިފަދަ ބޮޑެތި އޮޅުވާލުންތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވެސް ވަނީ އެ ގުރޫޕާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. މިގޮތުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ އަސްކޮއި ގުރޫޕަށް ދީފައިވާ ހުއްދަ ބާތިލުކޮށް، އެ ކުންފުނީގެ ހިއްސާދާރުން ހިމެނޭ އެއްވެސް ވިޔަފާރިއަކަށް ކުރިއަށް އޮތް ތަނުގައި އުމްރާ ހުއްދަ ނުދިނުމަށް ކަނޑައަޅައި، ބޮޑެތި ޖޫރިމަނާތަކެއް ވެސް ކޮށްފައެވެ.
