އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ)، ޓެލެކޮމް ކުންފުނި ކަމަށްވާ ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ކޮމްޕެނީ (ދިރާގު)އަށް 18،000 އަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މިއީ ޑީޑީ އެކި ފަހަރު މަތިން ދިރާގުން ހޯދާފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ 18،199.39 ރުފިޔާ ކަމަށް ދައުވާގައި ބަޔާންކޮށްފައި ވެއެވެ. އަދި މި މައްސަލަ ކޯޓަށް ހުށަހަޅަންޖެހުމުގެ ސަބަބުން ދިރާގުން ހަރަދުކުރަން ޖެހުނު 2،000 ރުފިޔާއާއެކު ޖުމްލަ 20،199.39 ރުފިޔާ އެކީ އެއް ފަހަރާ އިބްރާހިމް ދީދީގެ ކިބައިން ހޯދުމަށް އެދި ދިރާގުން ވަނީ ސިވިލް ކޯޓުގައި އެދިފައެވެ.
ނަަމަވެސް ޝަރީއަތުގެ ހަރަދު ހޯދުމަށް އެދި އެ ކުންފުނިން ހުށަހަޅާފައިވާ ހުށަހެޅުން ކޯޓުން ވަނީ ބަލައިނުގަތުމަށް ނިންމާފައެވެ. ކޯޓުގެ ގަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޝަރީއަތުގެ ހަރަދުގެ ގޮތުގައި އެއްވެސް އަދަދެއްގެ ފައިސާއެއް ހަރަދުކޮށްފައިވާކަން އެނގެން ނެތުމުން، އެ ފައިސާއަކީ ޝަރީއަތުން ނަގައިދެވިދާނެ ފައިސާއެއް ނޫންކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
ޑީޑިގެ ފަރާތުން ދައުވާއަށް ރައްދުދީފައިނުވާތީ ސިވިލް ކޯޓުން ވަނީ އޭނާ ޣައިރު ހާޒިރުގައި ހުކުމް އިއްވާފައެވެ. މި ފައިސާ ދައްކަން ކޯޓުން އަންގާފައިވަނީ 2026 ސެޕްޓެންބަރު 16 ވަނަ ދުވަހުގެ ކުރިންނެވެ.
ދަތުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ފަހު ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވި ޑރ. ދީދީ ވަނީ 2008އިން 2012އަށް ރާއްޖޭގެ ފިޝަރީޒް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އޭގެ ފަހުން އެމްޑީޕީގެ ރައީސްގެ މަގާމު ފުރުއްވުމުގެ އިތުރުން ޖުމްހޫރީ ޕާޓީގެ އިސް ސަފުގައި ވެސް އޭނާ ހަރަކާތްތެރިވި ނަމަވެސް މިހާރު ސިޔާސީ ހަރަކާތްތަކުން ޑީޑީ ފެނިވަޑައިނުގަންނަވައެވެ.
