ރާއްޖެއަށް 8 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިންޑިއާގެ ދެ މީހަކު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތުން ކަމަށްވާ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) އެވެ. މި ދެ މީހުންގެ އިތުރުން މި މައްސަލައިގައި ތިން ދިވެހިންވެސް ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ތިން ދިވެހިންނަކީ:

  • އަހްމަދު އަފްރާހް (33އ) - ފޭރުގަސްދޮށުގެ، ލ. ގަން މުކުރިމަގު
  • އިލްޔާސް އަހްމަދު (42އ) - ހ. ކަހަފަތި، ކ. މާލެ
  • ހަސަން ޝަމްއޫން (36އ) - ގ. ހޭޅި، ކ. މާލެ

މި ތިން ދިވެހިން މިހާރު ތިބީ ކަސްޓީޑިއަލް ޖަލެއްގައި 10 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އިންޑިއާ މީހުން ރާއްޖެ ގެނައި މަސްތުވާތަކެއްޗާ ހަވާލުވާން ގޮސް އުޅެނިކޮށެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އިންޑިއާގެ ބެންގަލޫރުން ރާއްޖެއަށް މިމަހުގެ 9 ވަނަ ދުވަހު އައި މި ދެ މީހުންގެ ލަގެޖު ކަސްޓަމްސްއިން އެކްސްރޭ ކުރުމުގެ ތެރޭގައި، ލަގެޖުގެ ފުލުގައި އެއްޗެއް ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވިގެން ވަނީ ބަލައިފާސްކޮށްފައެވެ. ފާސްކުރިއިރު، ދެ މީހުންގެ ލަގެޖުގެ ފުލުގައި "ފޯލްސް ބޮޓަމް" އެއް ހަދައިގެން މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ވަނީ ފެނިފައެވެ. ކޮންމެ މީހެއްގެ ދަބަހުން 4.166 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައިވެއެވެ.

މި މައްސަލައިގައި އަތުލައިގަތް ތަކެތީގެ ޖުމްލަ ބަރުދަނުގައި 8.3 ކިލޯގްރާމް ހުރިއިރު، އެ ތަކެތި ތަހުލީލު ކުރުމުން ޓެޓްރާހައިޑްރޯކެނެބިނޯލް އަދި ކެނެބިނޯލްއަށް ވަނީ ޕޮޒިޓިވް ވެފައެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް އަރައެވެ.

ހައްޔަރުކުރި އިންޑިއާ މީހުން ބުނެފައިވާ ގޮތުގައި، މި ތަކެއްޗަކީ "ބާއީ" ކިޔާ މީހަކު ފައިސާ ދޭން ބުނެގެން ރާއްޖެއަށް އެތެރެކުރި ތަކެއްޗެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.