ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުގައި ހިންގާ މަޝްހޫރު ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓް ހިންގާ ބިމުގެ އެއްބަސްވުން ބާތިލުކޮށް، އެ ތަނުގައި އެއްވެސް ވިޔަފާރިއެއް ނުކުރަން އެޗްޑީސީން އެންގި އެންގުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި، އެ ކުންފުންޏަށް ދައްކަންޖެހޭ ކުލި ނުދައްކައި ގިނަ ދުވަސްތަކެއް ވެފައިވާތީ، ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާ އެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުން ނިމުމަކަށް ގެނެސް އެ ބިން ވަނީ އެޗްޑީސީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ރިވެލި ރެސްޓޯރެންޓް ހިންގާ ފަރާތުން މިހާތަނަށް ކުލީގެ ގޮތުގައި ފަސް މިލިއަނެއްހާ ރުފިޔާ ދައްކަންޖެހޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ނަމަވެސް، އެ އެންގުމާ ދެކޮޅަށް ސޮލާރިސް ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައިވަނީ، މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ތަން ހުސްކޮށް ވިޔަފާރި ހުއްޓުވައިފި ނަމަ އެ ކުންފުންޏަށް އިޔާދަ ނުކުރެވޭނެ ގެއްލުމެއް ވާނެ ކަމަށެވެ. އެހެންކަމުން، ރިވެލި ރެސްޓޯރެންޓްގެ ހިންގުން ހުއްޓޭނެ އެއްވެސް އަމަލެއް ނުކުރުމަށާއި، އެފަދަ ކަމެއް ކޮށްފައިވާނަމަ އެކަން އިޔާދަކުރުމަށް އެޗްޑީސީގެ މައްޗަށް ވަނީ އަންގާފައެވެ.
މި އަމުރާ ގުޅިގެން، އެޗްޑީސީން ތަނަށް ވަދެ ވަގުތީ ގޮތުން މެދުކަނޑާލާފައިވާ އެ ރެސްޓޯރެންޓްގެ ހިދުމަތްތައް އަލުން މިހާރު ވަނީ ފަށާފަ އެވެ.
