ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 12،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލާފައިވާކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން، މި ފަރާތްތައް ފޮނުވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހަވާލުވި 2023 ނޮވެމްބަރު 17 އިން ފެށިގެން މިއަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުގެ ތެރޭގައި ޖުމްލަ 12،552 ބިދޭސީން ވަނީ ފޮނުވާލާފައެވެ. މީގެ ތެރޭގައި ޑީޕޯޓްކޮށްފައިވާ މީހުންނާއި އެހެނިހެން ގޮތްގޮތުން ފޮނުވާލި މީހުން ހިމެނެއެވެ.
ފޮނުވާލި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ މީހުންނާއި، ރާއްޖޭގައި ތިބުމަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނޫން މީހުންނެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތާއި އިމިގްރޭޝަން ގުޅިގެން ދަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކުރެވިފައެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މި މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިއަށްގެންދިއުމެވެ.
ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ މިނިސްޓްރީން ހާމަކޮށްފައިވާގޮތުން މި އޮޕަރޭޝަންގެ ތިންވަނަ ފޭސްގައި 2,895 މީހުން ހޯދައި ޑީޕޯޓުކުރުމާއި، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކާއި ސައްހަ ވިސާ ނެތް މީހުން ހޯދައި ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ވޯކް ޕާމިޓް ފީ ނުދައްކާ ހުރި ފަރާތްތަކަށް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީ، ދިވެހި ވިޔަފާރިވެރިން އެމީހުންގެ ދަށުން މަސައްކަތްކުރާ ބިދޭސީންނަކީ ގަވާއިދަށް ފެތޭ ބައެއްކަން ކަށަވަރުކުރުމަށް ހިތްވަރު ދިނުމަށްވެސް ވަނީ ނިންމާފައެވެ.
މި މަސައްކަތަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.
