ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ކުރިއަރައި، ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވުމާ ގުޅިގެން މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 22.4 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް މިނިސްޓްރީ އޮފް ފައިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓަށް ބަލާއިރު، 2 ޖުލައި 2026 ގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 20.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.1 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތައިގެ ކުރިއެރުމެކެވެ.

މިނިސްޓްރީ އޮފް ފައިނޭންސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރުގެ 15.3 ބިލިއަން ރުފިޔާއިން 17.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ ތެރޭގައި ޖުމްލަ ޖީއެސްޓީގެ ގޮތުގައި ލިބުނު 9.6 ބިލިއަން ރުފިޔާ ހިމެނެއެވެ. އެއީ އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު 2.9 ބިލިއަން ރުފިޔާ އާއި، ފަތުރުވެރިކަމުގެ ދާއިރާގެ ޓީޖީއެސްޓީ ގެ ގޮތުގައި ލިބުނު 6.6 ބިލިއަން ރުފިޔާއެވެ. މީގެއިތުރުން، ވިޔަފާރީގެ ހަރަކާތްތައް އިތުރުވުމާއެކު ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 23.4 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރަށްވުރެ 21.7 އިންސައްތަ އިތުރު އަދަދެކެވެ. ހަރަދު އިތުރުވި މައިގަނޑު ސަބަބަކީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދު އިތުރުވުމެވެ. މުސާރައާއި ޕެންޝަނަށް ކުރި ޖުމްލަ ހަރަދު ވަނީ 8.0 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މީގެ އިތުރުން، މެދުއިރުމަތީގައި ކުރިޔަށްދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވީނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އަސާސީ ތަކެއްޗާއި ހިދުމަތްތަކުގެ އަގު ހިފެހެއްޓުމަށްޓަކައި ސަބްސިޑީގެ ގޮތުގައި ކުރާ ހަރަދު 1.4 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އުމްރާނީ ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ކެޕިޓަލް ހަރަދުވެސް ވަނީ 3.0 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ހަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ދަރަނި އަދާކުރުމުގެ ހަރަދުތައް ނުހިމަނައި، ލިބޭ އާމްދަނީން އާންމު ހަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މުހިންމު މިންގަނޑެކެވެ. ނަމަވެސް، ހުރިހާ ހަރަދެއް ހިމެނުމުން ބަޖެޓުގެ އޯވަރޯލް ބެލެންސް ވަނީ 975.9 މިލިއަން ރުފިޔާއިން ޑެފިސިޓްވެފައެވެ.