ވ. ފެލިދޫގެ އިރުމަތިން 5 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދަނިކޮށް އަޑިއަށްދިޔަ "ޖަޒީރާ 10" ބޯޓުން ދަތުރުކުރި އެންމެން ސަލާމަތްކޮށްފިއެވެ.

މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުންދިޔަ މި ބޯޓު ވ. ފެލިދޫ ހުޅަނގު ކަނޑަށް އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވީރު 15:26 އެހާކަންހާއިރު އެވެ.

މި ހާދިސާއާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، ޖަޒީރާ ބޯޓުން ދަތުރުކުރި އެންމެން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ފުލިދޫ އަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި 3 ދިވެހި ފިރިހެނުން ކަމަށް ވެއެވެ.

އަދި އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

ޖަޒީރާ ބޯޓުން ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ވެސް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ވ.ފެލިދޫގެ 5 ނޯޓިކަލް މޭލު ބޭރުން އިރުމައްޗަށްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މައުލޫމާތު ދެއެވެ.