ވ. ފެލިދޫގެ އިރުމަތިން 5 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ "ޖަޒީރާ 10" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓެއް އަޑިއަށްދާތީ އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި، މި ބޯޓު ދިޔަވަމުންދާކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ބޯޓުގެ ބޮޑު ބައި ވަނީ އަޑިއަށް ގޮސްފައެވެ. އަދި ފެނުން މަތީ އޮތް ބޯޓުގެ ބައިގައި ތިން މީހަކު ހަރަކާތްތެރިވާ މަންޒަރުވެސް ފެނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ދެނެގަނެފައި ނުވާއިރު ބޯޓުގައި ތިބީ ކިހާ އަދަދެއްގެ މީހުންނެއްވެސް ސާފުވާ ގޮތެއް ނުވެއެވެ.

އަދި އުޅަނދެއްގެ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ވެސް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ވ.ފެލިދޫގެ 5 ނޯޓިކަލް މޭލު ބޭރުން އިރުމައްޗަށްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މައުލޫމާތު ދެއެވެ.