ރާއްޖޭގައި ހަރަކާތްތެރިވާ ބްރޯޑްކާސްޓަރުންނާއި، ރީބްރޯޑްކާސްޓަރުން އަދި ނޫސްވެރިން އިސްލާމްދީނުގެ އަސާސްތަކާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލެނބުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.
އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މީޑިއާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުން ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ޒިންމާދާރުކަމާއެކު ހަބަރާއި މަޢުލޫމާތު ފެތުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ހާއްސަކޮށް 2026 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި، މެޗުތައް ދުރަށް ފޮނުވަމުންދާއިރު އަހްލާގީ މިންގަނޑާ ހިލާފު އަޑުތަކާއި މަންޒަރުތައް ދެއްކުމުން ދުރުހެލިވުމަށް ކޮމިޝަނުން ވަނީ އަންގާފައެވެ. އަދި ހަބަރާއި މަޢުލޫމާތު ގެނެސްދޭއިރު އިސްލާމްދީނުގެ އަސާސްތަކާއި ނޫސްވެރިކަމުގެ އަހްލާގީ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކަކުންވެސް ސަމާލުކަން ދިނުމަށް ވަނީ ބާރުއަޅާފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މީޑިއާ ކޮމިޝަނުގެ މި އެންގުމާ ގުޅިގެން ބައެއް ފިޔަވަޅުތައް މިހާރު ވަނީ އަޅަން ފަށާފައެވެ. އެގޮތުން "އައިލެންޑް ޕާފިއުމް" ގެ އިޝްތިހާރެއް މީޑިއާތަކުން މިހާރު ވަނީ އުނިކޮށްފައެވެ. މީގެ އިތުރުން، އިތުރު އިޝްތިހާރެއްގެ އަޑު (ވޮލިއުމް) ވަނީ ދަށްކޮށްފައެވެ.
ކޮމިޝަނުން މިފަދަ އިލްތިމާސެއް ކުރައްވާފައި މިވަނީ، ވޯލްޑްކަޕްގެ މެޗުތައް ދައްކާއިރު ބައެއް މަންޒަރުތަކާއި، ހާއްސަކޮށް ބައެއް ސީންތަކުގައި ބޮސްދިނުން ފަދަ އިސްލާމީ މުޖުތަމައަކާ ނުގުޅޭ މަންޒަރުތައް ފެންނަމުންދާތީ، އާންމުންގެ ގިނަ ބަޔަކު އެކަމުގެ ޝަކުވާ ކޮމިޝަނަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
މީޑިއާ ކޮމިޝަނުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ދީނީ އަދި އިޖުތިމާއީ މިންގަނޑުތައް ހިފެހެއްޓުމަކީ ހުރިހާ މީޑިއާތަކެއްގެ މައްޗަށް އޮތް ޤާނޫނީ އަދި އަހްލާގީ ޒިންމާއެއް ކަމަށެވެ.
