މީޑިއާތަކުން ފޯނު ކޯލްތަކާއި އިންޓަވިއުތައް ފަދަ މުއާމަލާތްތައް ލައިވްކޮށް އަދި ރެކޯޑުކޮށްގެން ބްރޯޑްކާސްޓްކުރުމުގައި ގާނޫނުތަކާއި ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ރިއާޔަތްކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) މިއަދު އިލްތިމާސްކޮށްފިއެވެ.

އެމްއެމްބީސީން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައި ވަނީ، ގާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި، އަނެކުންނާ ކުރާ ޒާތީ މުއާސަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަން ކަމުގައި ކަނޑައަޅައި، އެ ހައްގުތައް ރައްކާތެރިކޮށްދީފައިވާ ކަމަށެވެ. އަދި ގާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނު) ގެ ދަށުން ވަކިވަކި ފަރުދުންގެ ކަރާމާތާއި އަބުރު އަދި އިންސާނީ ހައްގުތަކަށް އިހްތިރާމުކުރުމަކީ ބްރޯޑްކާސްޓަރުންގެ މައްޗަށް ލާޒިމުކަމެއް ކަމަށް ވެސް ކޮމިޝަނުން ހަނދާންކޮށްދީފައި ވެއެވެ.

ކޮމިޝަނުން އިތުރަށް ބަޔާންކުރި ގޮތުގައި، ފޯނު ކޯލެއް ވަގުތުން ބްރޯޑްކާސްޓްކުރާ ނަމަ އެއީ ލައިވްކުރެވެމުންދާ ކޯލެއްކަން އެ މީހަކަށް ސާފުކޮށް އަންގަންވާނެއެވެ. އަދި އެ މީހަކަށް ނޭނގި ނުވަތަ ހުއްދައަކާ ނުލައި ހޯދާފައިވާ ރެކޯޑިންތަކާއި މައުލޫމާތުތައް ބޭނުންކުރަން ވާނީ ޒިންމާދާރުކަމާއެކު، އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި ފަންނީ މިންގަނޑުތަކުގެ ތެރެއިން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިފަދަ ހަނދާންކޮށްދިނުމެއް ނެރެފައި މިވަނީ، ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ސްޓެލްކޯގެ ހިއުމަން ރިސޯސަސް (އެޗްއާރު) ޑިޕާޓްމަންޓަށް އާދައިގެ މުވައްޒަފެއްގެ ގޮތުގައި ގުޅައި، ވެރިކަންކުރާ ޕީއެންސީއަށް ވަނުމަށްފަހު ސްކްރީންޝޮޓް ފޮނުވަންވީ ކޮން ނަންބަރަކަށްތޯ ސުވާލުކޮށް، އެ ކޯލް ލައިވްކުރި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެ ކޯލުގައި ސްޓެލްކޯގެ އެޗްއާރު މުވައްޒަފު ވަނީ ޕާޓީއަށް ވަންކަން އެނގޭ ލިޔުން ސްޓެލްކޯއިން ފޮނުވާފައިވާ ލިންކަށް ފޮނުވުމަށް އެދިފައެވެ. ނަމަވެސް، އެއީ ރާއްޖެޓީވީގެ ޕްރެޒެންޓަރު އާމިރު ސަލީމުކަން ހާމަކުރުމުން އެޗްއާރުން ވަނީ ފޯނު ކަނޑާލާފައެވެ.

މި ހާދިސާއާ ގުޅިގެން ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީޑިއާގައި ދެކެވުނު ވާހަކަތަކާ ގުޅިގެން ކަން ހިނގާފައިވާ ގޮތް ތަހުގީގުކުރުމަށްޓަކައި، އެކަމުގައި ތުހުމަތުކުރެވޭ މުވައްޒަފު މިހާރު ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށްފަހު އަޅަންޖެހޭ އިސްލާހީ އަދި އިދާރީ ފިޔަވަޅުތައް ފަސްޖެހުމެއް ނެތި އަޅާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.