އޮކްޓޯބަރު މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ރީ-ރަޖިސްޓްރީ ނުކުރާ ހުރިހާ ނޫސްތަކާއި މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުކުރާނެކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ގާނޫނު ނަންބަރު 16/2025 ގެ ދަށުން އެކުލަވާލައި ގެޒެޓްކޮށްފައިވާ ގަވާއިދު ނަންބަރު 2026/R-27 (ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) ގެ 34 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކުރީގެ ގާނޫނު ނަންބަރު 47/78 ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ހުރިހާ ނޫސް މަޖައްލާތަކެއް ހަ މަސްދުވަހުގެ ތެރޭގައި އަލުން ރަޖިސްޓަރީކޮށް ނިންމަންޖެހެއެވެ.

އެއާއެކު ނޫސް މަޖައްލާތަކުގެ ރެކޯޑު އަދާހަމަކުރުމަށް ދީފައިވާ އެންމެ ފަހު ތާރީހަކީ 27 އޮކްޓޯބަރު 2026 އެވެ.

އަދި މި މުއްދަތު ހަމަވާއިރު ރީ-ރަޖިސްޓްރީކޮށް ރެކޯޑު އަދާހަމަނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓަރީތައް، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބާތިލްކުރެވޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އެހެންކަމުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނޫސް މަޖައްލާތަކުގެ ރެކޯޑުތައް އަދާހަމަކުރުމުގެ މަސައްކަތް ފުރިހަމަކުރުމަށް ހުރިހާ ނޫސް މަޖައްލާތަކުގެ މަސްއޫލުވެރި ފަރާތްތަކަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނުން ވަނީ އެދިފައެވެ.