ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަންގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ މަރުގެ ހުކުމް ހައި ކޯޓުންވެސް މިއަދު ދަމަހައްޓައިފިއެވެ.
މި މައްސަލާގައި ދަށު ކޯޓުން ކުރި ހުކުމްގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން ހުށަހެޅި މައްސަލަ ބެލުމަށްފަހު، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅީ ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.
އަނިޔާވެރިގޮތަކަށް އދ މާމިގިލި/ ކަނީރުމާގެ ގާސިމް ހަސަން ކަރަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސް މަގުން 2019 ވަނަ އަހަރު ޑިސެމްބަރު މަހު 4 ވަނަ ދުވަހުގެ ރެއެވެ.
މި މައްސަލައިގައި މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމެއްގައި މައްސަލަ ބައްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ، ގާސިމަށް ހަމަލަދިން ސަބަބާ ބެހޭގޮތުން އެކިފަހަރު އެކި ގޮތަށް ޝަރީއަތުގައި އަދުހަމް ވާހަކަ ދެއްކި ނަމަވެސް، ގާސިމަށް ވަޅިން ހަމަލަދިން ކަމަށް ކޮންމެ ފަހަރަކު އޭނާ އެއްބަސްވެފައިވާ ކަމަށެވެ.
އެހެންކަމުން އެ ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައިވާތީ، ވަޅި ހެރިކަމާ މެދު ޝައްކެއް ނެތް ކަމަށާއި އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
