ފަތުރުވެރިކަމުގެ ދަށް ދުވަސްވަރު ނުވަތަ 'އޮފް ސީޒަން' އާ ދިމާކޮށް، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ހުރި ބޭރު ފައިސާގެ ތާށިކަން ހައްލުކުރުމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން މުހިންމު ނިންމުމެއް ނިންމައިފިއެވެ. އެ އިދާރާއިން މިއަދު އިއުލާނުކުރި ގޮތުގައި، ބޭންކުތަކަށް ހަފުތާއަކު ދޫކުރާ ޑޮލަރުގެ މިންވަރު 25 އިންސައްތައަށް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ބަދަލަށް އަމަލުކުރަން ފަށާނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. އެމްއެމްއޭއިން ބުނި ގޮތުގައި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި، ކޮންމެ ހަފުތާއަކުވެސް ބޭންކުތަކަށް އިތުރަށް ޑޮލަރު ފޯރުކޮށްދެމުންދާނެއެވެ. މިއީ ބޭރު ފައިސާގެ އާމްދަނީ ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ވަގުތީ ފިޔަވަޅެކެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، ފަތުރުވެރިކަމުގެ އޮފް ސީޒަންގެ އިތުރުން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށްވުމަކީ ބޭރު ފައިސާގެ އާމްދަނީއަށް އަސަރުކުރި ސަބަބެކެވެ. އެހެންކަމުން، މި ދަނޑިވަޅުގައި ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކުރުމުން، ޒަރޫރީ ބޭނުންތަކަށް ޑޮލަރު ހޯދުމުގައި ލުއިތަކެއް ލިބި، ބޭންކުތަކުގެ ހިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް އެ އިދާރާއިން އުންމީދުކުރެއެވެ.
ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ބޭރު ފައިސާގެ މާކެޓް ހަމައަކަށް އެޅުވުމަށްޓަކައި އެމްއެމްއޭއިން ދަނީ ގިނަ އިސްލާހީ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ބޭރު ފައިސާއާ ބެހޭ ގަވާއިދުތަކަށް ބަދަލު ގެނައުމާއި، ބޭންކުތަކާ ގުޅިގެން ޑޮލަރު މެނޭޖްކުރުން ހަރުދަނާކުރުން ހިމެނެއެވެ.
