މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިފްތިތާހްކުރި "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ބަންދުވިއިރު، ބައިލައްކައަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އެ މިނިސްޓްރީއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ފަހަރުގެ ސްކީމަށް ޖުމްލަ 58،505 އެޕްލިކޭޝަން ވަނީ ލިބިފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކެވެ. އެގޮތުން 35،930 މީހަކު ފްލެޓަށް ކުރިމަތިލާފައިވާއިރު، ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 22،575 މީހުންނެވެ.

މިދިޔަ ޖެނުއަރީ މަހު ހުޅުވާލި މި ފުރުސަތުގައި، "ބޯހިޔާވަހިކަން" ޕޯޓަލްއަށް ދިމާވި ފަންނީ ބައެއް މައްސަލަތަކާ ގުޅިގެން ސަރުކާރުން ވަނީ އެކި ފަހަރު މަތިން ސުންގަޑި އިތުރުކޮށްދީފައެވެ. އެންމެ ފަހުން މި ފުރުސަތު ބަންދުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ގައެވެ.

ސަރުކާރުގެ އަމާޒަކީ މި މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދާއި އަލަށް ހިއްކާ ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމެވެ. މީގެ އިތުރުން 7,900 ފްލެޓް ދޫކުރުމަށްވެސް ވަނީ ތާވަލުކޮށްފައެވެ. ފްލެޓްތައް ބަހާލުމުގައި މާލޭ ރަށްވެހިންނަށާއި، މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަކި މިންވަރެއް ވަނީ ކަނޑައަޅާފައެވެ.

މި ފަހަރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި، ދެމަފިރިންގެ ތެރެއިން އެކަކުގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް އަނެކާއަށް ކުރިމަތިލެވޭ ގޮތް ހެދުމާއި، ކުރިން ޖޮއިންޓްކޮށް ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ދޫކޮށްލުމަށްފަހު ވަކިން ކުރިމަތިލުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓްތައް ލިބިފައިވާ އާއިލާތަކުގެ ހާލަތައް ބަލައި ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް ބަދަލުވުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތްތަކަށް ބަލާއިރު، ހުޅުމާލެއާއި ވިލިމާލޭގައި ބައެއް ފްލެޓްތަކުގެ ބިންގާ މިހާރު ވަނީ އަޅާފައެވެ. އަދި އިތުރު ފްލެޓްތައް ބިނާކުރާނެ ފަރާތްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.