ގަވާއިދުން ކުލި ނުދައްކާ ދެ ފްލެޓެއްގެ އެއްބަސްވުން ބާތިލުކޮށް، "ޕޯޓަލް އެކްސެސް" ކަނޑާލުމަށްފަހު 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަންގައިފިއެވެ.

އެ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ތެރޭގައި ތަކުރާރުކޮށް ފުރުސަތު ދީފައި ވެއެވެ.

މި މުއްދަތުގެ ތެރޭގައި 2 ފަހަރެއްގެ މަތިން ޕޭމަންޓް ޑިފޯލްޓް ނޯޓިސް ފޮނުވާފައިވާ ކަމަށާއި، އޭގެ އިތުރުން އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ދީފައިވާ ކަމަށް އެފްޑީސީން ވަނީ މައުލޫމާތު ދީފައެވެ. މި ނޯޓިސްތައް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ވެސް ފްލެޓްތަކުގެ ވެރިފަރާތްތަކަށް ފޮނުވާފައިވާ ކަމަށް އެފްޑީސީން ބުނެއެވެ.

މިއީ އެއްބަސްވުމުގެ އުސޫލުތައް ނެގެހެއްޓުމަށާއި، އެންމެހައި ފަރާތްތަކުގެ މައްޗަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އުސޫލުތައް ތަންފީޒުކުރުމުގެ މަގުސަދުގައި އެޅި ފިޔަވަޅެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، ކުއްޔާއި މެއިންޓެނަންސް ފީ ގަވާއިދުން މަހުން މަހަށް ދެއްކުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ހުޅުމާލެ ފޭސް 2 ގައި ތަރައްގީކުރަމުން އަންނަ "އަމާން" މަޝްރޫއުގެ (އަމާން ދޯދި އަދި އަމާން އުދަރެސް) 32 ޓަވަރުގައި ޖުމްލަ 4,000 ފްލެޓް ހިމެނެއެވެ. މި މަޝްރޫއުގެ ދަށުން 2 ކޮޓަރީގެ ފްލެޓެއްގެ މަހު ކުއްޔަކީ 7,000 ރުފިޔާއެވެ. އަދި 3 ކޮޓަރީގެ ފްލެޓެއްގެ މަހު ކުއްޔަކީ 9,000 ރުފިޔާއެވެ.

ސޯޝަލް ހައުސިން މަޝްރޫއުތަކުން މާލެ ސަރަހައްދުން ދޫކޮށްފައިވާ ފުލެޓުތަކަށް ކުލި ނުދެއްކުމުގެ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވެފައި ވެއެވެ.