އެސްޖޭ ކޮންސްޓްރަކްޝަން އާއި އެސްޖޭ ޓްރޭޑާ ދެކޮޅަށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބަދަލެއް ގެންނަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ސިވިލް ކޯޓުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ފިނޭންސް މިނިސްޓްރީގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައެކެވެ.

މިއީ ތ. ވިލުފުށި، ހދ. ހަނިމާދޫ އަދި ހދ. ނޮޅިވަރަންފަރުގައި ހައުސިންގ ޔުނިޓްތައް އެޅުމަށް 2021 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ކުރި އިއުލާންތަކަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ. އެސްޖޭ ކޮންސްޓްރަކްޝަނާއި އެސްޖޭ ޓްރޭޑް ގުޅިގެން (ޖޮއިންޓް ވެންޗާ) މި މަޝްރޫއުތަކަށް ބިޑު ހުށަހެޅި ނަމަވެސް، ނޭޝަނަލް ޓެންޑަރ ބޯޑުން ވަނީ އެ ފަރާތުގެ ބިޑުތައް ޑިސްކޮލިފައި ކޮށްފައެވެ. އެއީ އެމްޕްލޯޔާސް ރިކުއަމަންޓާއި ފައިނޭންޝަލް ރިސޯސަސް ރިކުއަމަންޓް ފުރިހަމަނުވާ ކަމަށް ބުނެއެވެ.

ނަމަވެސް، ބީލަމުގެ މައްސަލަ ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީން ނިންމީ އެސްޖޭގެ ބިޑުތަކަކީ ޝަރުތު ހަމަވާ ބިޑުތަކެއް ކަމަށާއި، އެ ބިޑުތައް އަލުން އިވެލުއޭޓް ކުރަން ޖެހޭނެ ކަމަށެވެ. މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވެސް ނިންމާފައިވަނީ އެސްޖޭގެ ބިޑުތައް އަލުން އިވެލުއޭޓް ކުރުމަށާއި، އެ މަސައްކަތްތަކުން އެ ކުންފުންޏަށް ގެއްލުމެއް ލިބިފައިވާ ނަމަ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ހައިކޯޓުގައި އެދުނީ ސިވިލް ކޯޓުގެ މި ހުކުމްތައް ބާތިލުކޮށް ދިނުމަށެވެ. ދައުލަތުން ބުނަމުން ދިޔައީ ޓެންޑަ ބޯޑުން އެސްޖޭ ޑިސްކޮލިފައި ކުރީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ. އެހެންނަމަވެސް، އެސްޖޭ އިން އެދުނީ ސިވިލް ކޯޓުގެ ހުކުމްތަކަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމްތަކެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ތިން ގަޒިއްޔާގެ ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ރިޔާސްތު ބެއްލެވި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އިއްވެވި ރައުޔަށް ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ވަނީ ތާއީދުކުރައްވާފައެވެ.

ހައިކޯޓުގެ މި ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، ހުކުމް ކުރި ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ދައުލަތަށް އޮންނާނެއެވެ.