ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ދަށުން، މާލޭގެ މުހިންމު ދެ ސަރަހައްދެއް ބަލައި ފާސްކޮށްފިއެވެ.

އިއްޔެ ކުރިއަށްދިޔަ މި އޮޕަރޭޝަންގައި މާލޭގެ ރަސްފަންނު ސަރަހައްދާއި އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަރަކާތްތެރިވާ ބިދޭސީން ވަނީ ބަލައި ފާސްކޮށްފައެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި ދެ ސަރަހައްދުން ޖުމްލަ 52 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ. މި ބަލައި ފާސްކުރުމުގެ ތެރެއިން، ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ އެކަކު ފެނިފައިވާތީ، އޭނާ ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން، އިމިގްރޭޝަނުން ދަނީ މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދުން މޮނިޓާކޮށް އޮޕަރޭޝަންތައް ހިންގަމުންނެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ މިފަދަ އޮޕަރޭޝަންތަކުގެ ބޭނުމަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަކީ ގާނޫނާއި ގަވާއިދާ އެއްގޮތަށް އުޅޭ ބައެއްކަން ކަށަވަރުކުރުމާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން މުޖުތަމައަށް ދިމާވާ މައްސަލަތައް ހައްލުކުރުން ކަމަށެވެ.