ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 9 ލައްކައަށްވުރެ ގިނަ އަދަދެއްގެ ބޭރު ފައިސާ އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ފައިސާ އަތުލައިގެންފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) ރާއްޖެއިން ބޭރަށް ފުރަން ދިޔަ އިންޑިއާގެ ފަސިންޖަރެއްގެ އަތުންނެވެ.
އެ ފަސިންޖަރުގެ އަތުން ފެނުނު ފައިސާގެ ޖުމްލަ އަދަދު 905,669.80 (ނުވަލައްކަ ފަސްހާސް ހަސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ އަށްޑިހަ ލާރި) ދިވެހި ރުފިޔާއަށް އަރައެވެ.
މި ފައިސާގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނޭއިރު، މި ފައިސާއަކީ ކަސްޓަމްސްއަށް ޑިކްލެއާ ނުކޮށް ގަވާއިދާ ހިލާފަށް ބޭރުކުރަން އުޅުނު ފައިސާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް ބަޔާންކުރާ ގޮތުން، ވަކި މިންވަރަކަށްވުރެ އިތުރަށް ރާއްޖެއިން ބޭރަށް ފައިސާ ގެންދާނަމަ ނުވަތަ އެތެރެކުރާނަމަ ކަސްޓަމްސްއަށް ޑިކްލެއަރ ކުރަންޖެހެއެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.
