މިދިޔަ އަހަރު އަމަލުކުރަން ފެށި ބޭރު ފައިސާ މާރުކުރުމުގެ އާ ގަވާއިދުގެ ދަށުން، އެ އަހަރު ތެރޭގައި ރިސޯޓްތަކާއި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ބޭންކުތަކަށް ޖުމްލަ 671 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.
އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން، ޑޮލަރުގެ 78 ޕަސެންޓް (އެއީ 523.4 މިލިއަން ޑޮލަރު) ބޭންކުތަކުން ވަނީ އެމްއެމްއޭއަށް މާރުކޮށްފައެވެ. މީގެ ސަބަބުން ދައުލަތުގެ ރިޒާވަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ބޭންކުން ފާހަގަކުރެއެވެ. އާ ގަވާއިދު ބުނާގޮތުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު، އަދި ގެސްޓްހައުސްތަކުން ކޮންމެ މީހަކަށް 25 ޑޮލަރުގެ ރޭޓުން ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހެއެވެ.
އެމްއެމްއޭއަށް ލިބުނު ޑޮލަރު އިތުރުވުމާއެކު، ބާޒާރުގައި ޑޮލަރުގެ އަގު ހިފެހެއްޓުމަށާއި އަސާސީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް އެމްއެމްއޭއިން ބާޒާރަށް ނެރުނު ފައިސާގެ އަދަދު ވަނީ 10 ޕަސެންޓު އިތުރުކޮށްފައެވެ. އެގޮތުން ޖުމްލަ 1.1 ބިލިއަން ޑޮލަރު ބާޒާރަށް ދޫކުރި އިރު، މީގެ ބޮޑު ބައެއް ހިއްސާކުރަނީ ސަރުކާރު ކުންފުނިތަކެވެ.
އެމްއެމްއޭއިން ޑޮލަރު ބަހާލިގޮތުގެ ތަފްސީލް:
- ސަރުކާރު ކުންފުނިތަކަށް: 651 މިލިއަން ޑޮލަރު (ކާބޯތަކެއްޗާއި ބޭސް ފަދަ އަސާސީ މުދާ އެތެރެކުރުމަށާއި ކުންފުނިތަކުގެ ދަރަނި ދެއްކުމަށް)
- ބޭންކުތަކަށް: 447.6 މިލިއަން ޑޮލަރު (ބޭރަށް ދަތުރުކުރާ އާންމުންނަށާއި އަމިއްލަ ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް - މިއީ ކުރީ އަހަރަށްވުރެ %29 އިތުރު އަދަދެއް)
- ސީދާ ސަރުކާރަށް: 436 މިލިއަން ޑޮލަރު (ދައުލަތުގެ ބޭރުގެ ދަރަނި ދެއްކުމަށާއި، ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ އެހީއަށް)
ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށާއި، ބާޒާރުގައި ދައުރުވާ ފައިސާގެ މިންވަރު މަދުކުރުމަށް އެމްއެމްއޭއިން ވަނީ 'އޯޕަން މާކެޓް އޮޕަރޭޝަންސް' އެއް ހިންގާފައެވެ. މީގެ ދަށުން ބޭންކުތަކަށް ސެކިއުރިޓީޒް ވިއްކައިގެން، ބޭންކިން ނިޒާމުން 3 ބިލިއަން ރުފިޔާ އެމްއެމްއޭއަށް އަނބުރާ ނެގިފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.އެހެންނަމަވެސް، ވޭތުވެދިޔަ އަހަރު ނިމުނުއިރުވެސް ބޭންކިން ނިޒާމުގައި ދައުރުވި ދިވެހި ރުފިޔާގެ ނިސްބަތް ހުރީ މަތީގައިކަމަށް މި ރިޕޯޓުން ދައްކައެވެ.
