ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަނުކުރައްވާނެ ކަމަށް، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ މިހެން ވިދާޅުވީ، ހުސްވެފައިވާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރުމަށް ޕާޓީގެ އެތެރޭގައި އެންމެ ބޮޑަށް ވާހަކަދެކެވެމުންދާ ތިން މެންބަރުންގެ ތެރޭގައި ފަލާހު ހިމެނޭ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރަން ފެށުމާ ގުޅިގެންނެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ހެނދުނު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދު ހެނދުނުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.
ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ދެން އަންނާނެ ބޭފުޅަކާ މެދު ޕީއެންސީގެ ތެރޭގައި މިހާރު ވަނީ މަޝްވަރާތައް ފަށާފައެވެ. ޕީއެންސީގެ ބައެއް މެންބަރުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، މި މަގާމަށް އެންމެ ބޮޑަށް ވާހަކަދެކެވެނީ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު (ޓޮމް) އާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި އިބްރާހިމް ފަލާހުގެ ނަމެވެ.
ނަމަވެސް، މަގާމަށް އައްޔަންކުރާނެ ވަކި ބޭފުޅަކާ މެދު ޕާޓީން އަދި ގޮތެއް ނުނިންމައެވެ. މައުލޫމާތު ލިބޭ ގޮތުގައި، މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ވެސް އަދި ވަކި އެންގެވުމެއް ނާންގަވައެވެ. އަދި މި ތިން މެންބަރުންގެ އިތުރުން އެހެން މެންބަރަކު އެ މަގާމަށް ގެނައުމަށް ޕީޖީން ނިންމުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ޕާޓީގެ ބައެއް މެންބަރުން ވިދާޅުވެއެވެ.
