އދ. ގެ އިތުބާރު ބިނާވެފައިވަނީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިތުބާރާއި ޒިންމާދާރުކަމުގެ މައްޗަށް ކަމަށްވާއިރު، އެކަން ހާސިލުކުރެވޭނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް އިހުތިރާމުކޮށް، އުސޫލުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ އދ. ގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ގައުމުތަކުގެ މެދުގައި ކުރެވިފައިވާ މުއާހަދާތައް ފުރިހަމައަށް ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ސަރަހައްދީ ސިޔާސީ ނުވަތަ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވުމާއި، ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުމުގައި ހަމަހަމަކަން ނެތުމުގެ ސަބަބުން، އދ. އަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ދުނިޔެއަށް އަންނަ ބަދަލުތަކާ އެއްވަރަށް ގައުމުތައް ކުރިއަށްދިއުމުގައި ގޮންޖެހުންތައް ހުރިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މިފަދަ ބައިބައިވުންތަކުގެ ސަބަބުން، ހާއްސަކޮށް ފަލަސްތީނު ފަދަ ގައުމުތަކުގެ އިންސާނިއްޔަތަށް ލިބެމުންދާ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކުގެ މައްޗަށްވެސް ރައީސްގެ މެސެޖުގައި އަލިއަޅުއްވާލެއްވިއެވެ. އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ ކުރިއެރުމަށާއި ވިލުންތެރިކަމަށް ހުރަސްއަޅާ ކަންކަމުގެ ތެރޭގައި މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަހަމަކަމާއެކު ނުލިބުމާއި، ދެމެހެއްޓެނިވި ނޫން ގޮތުގައި ނެގޭ ދަރަނި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ މުސްތަގުބަލު ކަނޑައެޅުމުގެ މިނިވަންކަމާއެކު، ގައުމީ އަމާޒުތައް ހާސިލުކުރުމަށް ބޭނުންވާ މަގުތައް ފަހިވެފައި އޮތުމަކީ 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށް ވުމަށް ރާއްޖެއިން ކުރާ އުންމީދަށް ލިބޭނެ އިތުރު ބާރެއް ކަމަށެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި، ރައްޔިތުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަށާއި، އިގުތިސާދު ވަރުގަދަކުރުމުގެ އިތުރުން، ބޭރުން ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް ވިލުންތެރިކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އދ. އަކީ ހުރިހާ ދައުލަތްތަކެއްގެ ހައްގުތަކަށް އިހުތިރާމުކުރާ، ހުރިހާ ގައުމެއްގެ އަޑުއަހާ، އަދި އެއްވެސް ގައުމެއްގެ މުސްތަގުބަލު އެހެން ގައުމެއްގެ ނުފޫޒުން ކަނޑަނޭޅޭނެ ގޮތަކަށް މަގުފަހިކޮށްދޭ ޖަމާއަތެއްގެ ގޮތުގައި ދެމިއޮތުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސުލްހަ މަސަލަސްކަމަށް އިހުތިރާމުކުރުމާއި އަދުލުއިންސާފު ގާއިމުކުރުމަށާއި، ކޮންމެ ދައުލަތަކަށްވެސް އެ ދައުލަތެއްގެ މުސްތަގުބަލު އަމިއްލައަށް ބައްޓަންކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.