ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ތަޖުރިބާކާރު އަދި އެންމެ ފޯރިގަދަ ޕާޓީއަކީ އެމްޑީޕީ ކަމާމެދު ޝައްކެއް ނެތެވެ. ނަމަވެސް، އެ ޕާޓީގެ ތާރީހަށް ބަލާއިރު އެތެރޭގެ ކޯޅުންތަކާއި ހިޔާލު ތަފާތުވުންތަކަކީ އަބަދުވެސް ޕާޓީގެ ބިންގަލަށް ލޮޅުން އަރުވާލާ ކަންކަމެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ތަރައްގީކުރާ ސަރަހައްދާ ގުޅޭގޮތުން މިހާރު ފެންމަތިވެގެން މިއުޅެނީ، އެމްޑީޕީގެ ތެރޭގައި އަނެއްކާވެސް ބޮޑު ރެނދެއް ލައިފިކަމުގެ ސާފު ހެއްކެކެވެ. މަންޒަރު ފެންނަ ގޮތުގައި، މި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ މިހާރުގެ ލީޑަޝިޕްގެ ވިސްނުން ވަނީ މުޅިން ދެ ދިމާލަކަށް އެނބުރިފައެވެ.

މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕެއްގެ ޗެޓްތަކެއް ލީކުވި ހިސާބުންނެވެ. ރަސްމާލެ މަޝްރޫއާ މެދު އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ރަސްމީކޮށް ފިޔަވަޅު އަޅައި، ބަޔާނެއް ނެރުމަށް މަޝްވަރާކުރަން ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ. ސ. ހުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ކެމްޕޭނަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެމަނިކުފާނު ފޮނުއްވި މެސެޖަކީ ހަމައެކަނި އުޒުރެއް ނޫނެވެ. އެއީ ސީދާ ޕާޓީގެ ސިޔާސަތަށް ދެއްވި ވަރުގަދަ އިންޒާރެކެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ޕީއެންސީ ކޮންގްރެސްގައި

ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، މި މައްސަލައިގައި އެމްޑީޕީން އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން ތިބުން މާ ބުއްދިވެރިއެވެ. ސަބަބަކީ، ޔޫއޭއީއަކީ އެމްޑީޕީއާ ތާރީހީ ގޮތުންނާއި ސިޔާސީ ގޮތުން ވަރަށް ގާތް ގުޅުމެއް އޮތް ގައުމަކަށް ވުމެވެ. ޔޫއޭއީގެ ކުންފުންޏަކާ ދެކޮޅަށް ޕާޓީން ނުކުމެއްޖެ ނަމަ، އެ ގައުމު ސީދާ ޕީއެންސީގެ އަތްދަށަށް 'ދެވުނީ' ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް އަމާޒުކުރައްވައި ނަޝީދު ކުރެއްވި ސުވާލަކީ ވެސް ފުން ސިޔާސީ މާނައެއް އެކުލެވޭ ސުވާލެކެވެ. "ޝާހިދު، މިކަން ކުރައްވަން ބޭނުންފުޅުވާ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. ސިޔާސީ ޕޮއިންޓެއް ހޯދިދާނެ، އެކަމަކު މިކަން މި ކުރެވެނީ ކޮން އެއްޗެއް ގުރުބާންކޮށްފައިތޯ؟"

މި ހިޔާލުފާޅުކުރެއްވުމާ އެކު ވެސް، ޕާޓީގެ އެތެރޭގެ މިސްރާބު ހުރީ އެހެން ދިމާލަކަށެވެ. އެ ބައްދަލުވުން ބޭއްވުމަށް ނެގުނު ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާގުން ނިންމީ ބައްދަލުވުން ބާއްވާށެވެ. ދެކޮޅަށް އެންމެ ވޯޓެއްވެސް ނާޅައެވެ. އަދި ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާމެދު އިތުރަށް ވާހަކަދައްކަން އެދިވަޑައިގެންފައެވެ. މިއިން ދޭހަކޮށްދެނީ ނަޝީދުގެ ވިސްނުންފުޅާއި، ޕާޓީގެ މެޖޯރިޓީގެ ވިސްނުމާ ދެމެދު އޮތް ފަރަގު ބޮޑުވަމުން އަންނަ މިންވަރެވެ.

އެމްޑީޕީ ކޮންގްރެސްގެ ތެރެއިން މެންބަރުން ވޯޓު ލަނީ

މި މަންޒަރުން ސިޔާސީ މުރާސިލުންނަށް ސިފަވަނީ މާޒީގެ ހިތި ހަނދާންތަކެކެވެ. މީގެ ކުރިން ވެސް ޕާޓީ ތެރޭގައި އުފެދުނު މިފަދަ ހިޔާލުތަފާތުވުންތަކުގެ ނަތީޖާއަކަށްވީ، އެމްޑީޕީ ދެފަޅިވެ، ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ވަކިވެވަޑައިގެން 'ދަ ޑިމޮކްރެޓްސް' އުފެއްދެވުމެވެ. އޭގެ ސަބަބުން ވެރިކަން ގެއްލި، ޕާޓީއަށް ބޮޑެތި ގެއްލުންތަކެއް ވިއެވެ. ފަހުން އެ ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ނަމަވެސް، ޒަމާންވީ ކޫރުންތައް ފިލައިގެން ނުދާކަން މިހާރު މިވަނީ ހާމަވެފައެވެ.

އީގަލް ހިލްސްގެ މައްސަލައިގައި އެމްޑީޕީން ހިޔާރުކުރާނީ ކޮން މަގެއް ހެއްޔެވެ؟ ހާރިޖީ ގުޅުންތަކަށް ބަލައި ހިމޭންވުމުގެ 'ނަޝީދުގެ ފަލްސަފާ' ހެއްޔެވެ؟ ނުވަތަ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ވަރުގަދަ އިދިކޮޅު ހަރަކާތަކަށް ނުކުތުމުގެ 'ލީޑަޝިޕްގެ ވިސްނުން' ހެއްޔެވެ؟ ކޮންމެ ގޮތެއް ނިންމި ނަމަވެސް، އެއް ކަމެއް ސާފެވެ؛ އެމްޑީޕީގެ އެތެރޭގެ ރޫޅުންތައް އަދިވެސް މުޅިން މަރާމާތެއް ނުވެއެވެ. އީގަލް ހިލްސް މިވަނީ އެ ރެނދުތައް އަލުން ބޮޑުކޮށްލި ވަރުގަދަ ސިޔާސީ ބިންހެލުމަކަށް ވެފައެވެ.