ސްރީލަންކާއަށް ޒިޔާރަތްކުރާ ދަތުރުވެރިން އެ ގައުމަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން" (އީޓީއޭ) އެއް ހޯދަންޖެހޭ ގޮތަށް އެ ގައުމުގެ ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން މި ހިނގާ މެއި މަހުގެ 25 އިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން ވެސް އެ ފޯމް ފުރަންޖެހޭ ގޮތަށް ސްރީލަންކާގެ އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

މި ބަދަލާއެކު، ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ދިވެހި ރައްޔިތަކުވެސް ފުރުމުގެ ކުރިން އޮންލައިންކޮށް މި ފޯމް ފުރިހަމަކުރަން ޖެހޭނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަންކާ ސަރުކާރުން 'އީޓީއޭ' ހޯދަންޖެހޭ ގޮތަށް ނިންމި ނަމަވެސް ދިވެހިންނަށް ވިސާ ދިނުމަށް ކަނޑައަޅާފައިވާ ރަސްމީ ސިޔާސަތަކަށް އެއްވެސް ބަދަލެއް އައިސްފައި ނެތްކަމަށެވެ.

އެގޮތުން ކުރިއެކޭ ވެސް އެއްގޮތަށް ދިވެހި ރައްޔިތުންނަށް ޓޫރިސްޓް ވިސާ އެއްވެސް ފީއަކާ ނުލައި 90 ދުވަހުގެ މުއްދަތަށް ލިބެމުންދާނެކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ބުނީ 'އީޓީއޭ' އަކީ ހަމައެކަނި އެތެރެވުމުގެ ކުރިން ހޯދަންޖެހޭ ހުއްދައެއްކަމަށެވެ.

މީގެއިތުރުން ސްރީލަންކާގެ އިމިގްރޭޝަން އުސޫލަށް މި ގެނައި ބަދަލާ ގުޅިގެން ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ޓަކައި ދިވެހި ސަރުކާރުން މިހާރު ވެސް ސްރީލަންކާ ސަރުކާރާއެކު ރަސްމީ މަޝްވަރާތައް ބާއްވަމުންދާ ކަމަށް ވަނީ ބުނެފައެވެ.

އެއާއެކު ފޮރިން މިނިސްޓްރީން ވަނީ ސްރީލަންކާއަށް ޒިޔާރަތްކުރާ އެންމެހާ ދިވެހި ރައްޔިތުން އެއާޕޯޓަށް ދިއުމުގެ ކުރިން ސްރީލަންކާގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް އީޓީއޭ ފޯމް ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.