ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރުމަށާއި، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، އަންހެނުން ބާރުވެރިކުރުމުގެ ގޮތުން ސިއްހަތާއި، އާއިލާއާއި އިޖްތިމާއީ އެހީއާ ބެހޭ މިނިސްޓްރީއިން ދެމުން އަންނަ "ރެހެންދި އެވޯޑު 2027" އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތު 2026 އޮކްޓޫބަރު 27 އިން ފެށިގެން 2026 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް އެ މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.
ރެހެންދި އެވޯޑަށް ނަން ހުށަހެޅޭނީ ދެ މައިގަނޑު ކެޓަގަރީއަކުންނެވެ. އެއީ ވަކިވަކި އަންހެނުންނަށާއި ޖަމިއްޔާ/ ޖަމާއަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީއާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ކެޓެގަރީއެވެ. ވަކިވަކި އަންހެނުންނަށާއި ޖަމިއްޔާ ޖަމާއަތްތަކަށް ހުށަހެޅޭ ކެޓަގަރީގެ ދަށުން އަންހެނުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ ނަން ހުށަހެޅޭނީ 4 ދާއިރާއަކުންނެވެ. އެ ދާއިރާތަކަކީ ލީޑަޝިޕް އަދި ގަވަނަންސް، އިގްތިސާދީގޮތުން ބާރުވެރިކުރުވުން، އިޖްތިމާއީގޮތުން ބާރުވެރިކުރުވުން އަދި އަންހެނުން އާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން-ޓްރެޑިޝަނަލް ރޯލްސް" އެވެ.
މި އެވޯޑަށް ވަކިވަކި އަންހެނުންނާއި، ޖަމިއްޔާ ޖަމާއަތްތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން، 2025 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު ސިއްހަތާއި، އާއިލާއާއި އިޖްތިމާއީ އެހީއާ ބެހޭ މިނިސްޓްރީއިން ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. މިހާތަނަށް ޖުމުލަ 77 ފަރާތަކަށް ރެހެންދި އެވޯޑު އެކި ފަރާތްތަކަށް ވަނީ ލިބިފައެވެ. މި ފަރާތްތަކަކީ އެކިއެކި ދާއިރާތަކުން ކުރިއެރުން ހޯދައި، އެ ފަދަ ދާއިރާތަކަށް އަންހެނުން ނެރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކެކެވެ. މީގެ ތެރޭގައި އަންހެނުންގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި މުއައްސަސާތައް ވެސް ހިމެނެއެވެ.
ވޭތުވެދިޔަ 13 އަހަރު ތެރޭގައި ރެހެންދި އެވޯޑު ދެމުން އަންނަ ދާއިރާތަކަށާއި، އެވޯޑު ދިނުމުގެ އުސޫލަށް އެ މިނިސްޓްރީއިން ވަނީ ބަދަލުތައް ގެނެސްފައެވެ. ކޮންމެ އަހަރަކުވެސް ރެހެންދި އެވޯޑަށް ގެނެވޭ ބަދަލުތަކަކީ މި އެވޯޑު އެންމެ ފުރިހަމަގޮތުގައި ގިނަ ފަރާތްތަކެއްގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރެވޭނެގޮތަކަށް ބައްޓަންކުރުމަށްޓަކައި ގެނެވޭ ބަދަލުތަކެކެވެ. އަދި މި އަހަރުން ފެށިގެން މި އެވޯޑު ކޮންމެ ދެ އަހަރަކުން އެއް އަހަރު ދޭ ގޮތަށް ސިއްހަތާއި، އާއިލާއާއި އިޖްތިމާއީ އެހީއާ ބެހޭ މިނިސްޓްރީއިން ވަނީ ނިންމާފައެވެ.
