ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލައެއްގައި ކުށް ސާބިތުވެފައިވާ، އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

2019 ވަނަ އަހަރު ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، މަސައްކަތް ފުރިހަމަނުކުރަނީސް އަދި ނިންމިކަން ކަށަވަރުނުކޮށް ފައިސާ ދޫކުރި މައްސަލައިގައި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް މަރިޔަމް ދީނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

އެންމެ ފުރަތަމަ އޭނާއަށް ހުކުމް ކުރުމަށް އަޑުއެހުމެއް ތާވަލުކުރި މި މަހުގެ 20 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ކަރެކްޝަންސް އިން އަންގާފައިވަނީ ދީނާއަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާތީ އެދުވަހު ކޯޓަށް ހާޒިރުކުރެވެން ނެތް ކަމަށެވެ.

މިއަދު ދީނާގެ މައްޗަށް އަދަބު ކަނޑައަޅަން ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދުނީ ދީނާގެ މައްޗަށް ކުށުގެ އަސާސީ އަދަބު އިއްވުމަށެވެ. އެ ކުށަކީ ބޮޑު އަދަބެއް ކަނޑައަޅަންޖެހޭ ކަމެއް ކަމަށް ދައުލަތުން ގަބޫލުކުރިޔަސް، ދީނާއަކީ ތުއްތު ކުދިންތަކެއް އެކަނި ބަލާ މީހަކަށްވެފައި، އޭނާއަށް އެ ހިޔާނާތުން ސީދާ މަންފާއެއް ލިބިފައިނުވާތީ އަދަބު ބޮޑު ކުރަން ދައުލަތުން ބޭނުން ނުވާ ކަމަށް ބުނެފައިވެއެވެ.

ދީނާގެ މައްޗަށް އެންމެ ލުއި އަދަބެއް އިއްވުމަށް އޭނާގެ ވަކީލު އެދިފައިވާއިރު ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާ އާއި ގޭބަންދަށް އަދަބަށް ބަދަލުކޮށްދޭން ވަކީލް އެދުނެވެ. ދީނާގެ ވަކީލް ވިދާޅުވި ގޮތުގައި އޭނާއަކީ ބަލި މީހެއް ކަމަށާއި އެކަނި ތުއްތު ކުދިންތަކެއް ބަލަހައްޓަމުންދާ މީހެއްކަން ފާހަގަކޮށްފައިވެއެވެ. އަދި ދީނާގެ ނޭވާލާ މައްސަލަތަކެއް ހުންނާތީ ވައި ބަންދުވާ ތަންތަނުގައި ނޫޅުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށްވެސް ވަކީލް ވިދާޅުވިއެވެ.

ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ނިންމެވީ ދީނާގެ މައްޗަށް ޖަލު އަދަބު ކަނޑައެޅުމަށެވެ. ދީނާއަކީ ޖަލު ނުބެހެއްޓޭނެ ވަރުގެ މީހެއް ކަމަށް އެެއްވެސް ޑޮކްޓަރަކު ލިޔުމެއް ދީފައި ނެތްކަން ފާހަގަކޮށް ގާޒީ ވަނީ އޭނާ ކުރި ކުށަކީ މުޅި މުޖުތަމައު ފަސާދައަށް ހުށަހެޅޭ ކުށެއްކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ދީނާގެ މައްޗަށް ގާޒީ އިއްވެވީ ދައުލަތުން އެދުނު ގޮތަށް ކުށުގެ އަސާސީ އަދަބު ކަމަށްވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.