މޯލްޑިވްސް ޒަކާތު ހައުސް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް (އިންޒެކް) މިއަހަރު ހާއްސަކޮށްފައިވަނީ ދިވެހިރާއްޖެއިން ފަގީރުކަން ނައްތާލުމުގެ މަސައްކަތަށް ކަމަށް އެ ހައުސްގެ ޑިރެކްޓާ ޖެނެރަލް އައްޝައިހް އިމްތިތާއު އައްބާސް ވިދާޅުވެއްޖެއެވެ. މި ކޮންފަރެންސަކީ ގިނަ މައުލޫމާތުތައް ބަދަލުކުރެވި، ފަގީރުކަމުގެ މައްސަލަތަކަށް ހައްލުތަކެއް ހޯދުމަށް ނަތީޖާ ނެރެވޭނެ މުހިންމު ފޯރަމެއް ކަމަށް އިމްތިތާއު ފާހަގަކުރެއްވިއެވެ.

މިއީ އިންޒެކްގެ ތިންވަނަ ކޮންފަރެންސް ކަމަށް ވާއިރު، މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިމްތިތާއު ވިދާޅުވީ، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެ، ފަގީރުކަމުގެ މާނަ އާއި އެކި އާއިލާތައް ފަގީރުކަމަށް ވެއްޓޭ ގޮތްތައް ތަފާތުވެފައިވާކަމަށެވެ. އަދި ހާއްސަކޮށް މާލީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކުގެ އަސަރު އާމްދަނީގެ ގޮތުން މެދުފަންތީގެ އާއިލާތަކަށް ބޮޑަށް ކުރަމުންދާތީ، މިއަހަރުގެ ކޮންފަރެންސްގެ މައިގަނޑު ސަމާލުކަން އެކަމަށް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައިނަލްއަގުވާމީ އެކި ތަޖުރިބާތައް، ފަގީރުކަން ނައްތާލުމުގެ އެކި ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތައް ދިވެހިރާއްޖޭގެ ކޮންޓެކްސްޓަށް ތިރިކުރެވޭނެ ގޮތްތަކާ މެދުގައި އިރާދަކުރެއްވިއްޔާ ދީނީ ޢިލްމުވެރިންނާއި ޕޮލިސީ މޭކަރުންނާއި އަދި ޒަކާތުގެ އެޑްމިނިސްޓްރޭޓަރުންނާއި އަދި އެ ނޫންވެސް ކަމާބެހޭ މާހިރުން އިރާދަކުރެއްވިއްޔާ ވަރަށް ޝައުގުވެރި، ޢިލްމީ މައުލޫމާތުތަކެއް ފޯރުކޮށްދެމުން ދާނެ،"
މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް އިމްތިތާއު

މިއަހަރުގެ އިންޒެކްގައި، ޒަމާނީ މުޖުތަމައުގައި ފަގީރުކަން ދިމާވާ ސަބަބުތަކާއި އެކަމުގެ ސިފަތަކަށް އަލިއަޅުވާލެވޭނެއެވެ. މީގެ އިތުރުން، ފަގީރުކަން ނައްތާލުމަށް އެކި މުއައްސަސާތަކާއި ޒަކާތު ހައުސްއާއި ޕްރައިވެޓް ސެކްޓާ އަދި ސިވިލް ސޮސައިޓީތައް ގުޅިގެން ގެނެވޭނެ ހައްލުތަކާބެހޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ވެސް ޑިރެކްޓާ ޖެނެރަލް ވިދާޅުވިއެވެ. އެގޮތުން، އެކި ގައުމުތަކުގައި ފަގީރުކަން ނައްތާލުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗަށް ބަލާލެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިންޒެކް ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ ޒަކާތުގެ ދާއިރާ ހަރުދަނާކުރުމަށް އެކުލަވާލާފައިވާ އިސްތިރާޖީ ޕްލޭނުގައިވާ ކަންކަން ހާސިލްކުރުމަށް މަގުފަހިކޮށް، މައުލޫމާތު ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިވަގުތު ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި 2000 އަށްވުރެ ގިނަ މީހުން ހިމެނޭއިރު، މި އަދަދު މަދުކުރުމަކީ ޒަކާތު ހައުސްގެ މުހިންމު އަމާޒެއް ކަމަށްވެސް އިމްތިތާއު އައްބާސް ވިދާޅުވިއެވެ.