ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް އިޓަލީގެ 5 ޑައިވަރުން މަރުވި ހާދިސާ އެ ގައުމުންވެސް ތަހުގީގު ކުރަން ފަށައިފިއެވެ.
5 ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިންއަށް ފޭބިފަހުންނެވެ. އެ މީހުންގެ ހަބަރެއް ނުވެގެން ފުލުހުންނާއި ސިފައިންނަށް ރިޕޯޓުލިބުނީ އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ. ޑައިވިނަށް ފޭބި 5 ޓޫރިސްޓުން ގެއްލިގެން ހޯދަމުންދަނިކޮށް، އެކެއްގެ ހަށިގަނޑު ހަމަ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، މޫދު އަޑިން ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ބޮޑު ކޭވްއެއްގެ ތެރެއިން ވަނީ ފެނިފައެވެ.
ބާކީ ތިބި މީހުން ތިބި ކަމަށް އޭރު އަންދާޒާކޮށްފައިވަނީ ހޮހޮޅައިގެ ތެރޭގައެވެ. އެމީހުން ނެގުމުގެ މަސައްކަތް ކުރަނިކޮށް ސިފައިންގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ކަމަށްވާ ސާޖެންޓް ފަސްޓް ކްލާސް، މުހައްމަދު މަހުދީ ވަނީ ހޮނިހިރު ދުވަހު ނިޔާވެފައެވެ.
އެއާއެކު އޮޕަރޭޝަން ވަގުތީ ގޮތުން މެދު ކަނޑާލުމަށްފަހު އޮޕަރޭޝަން އަލުން ފަށާފައިވަނީ އިއްޔެ އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ރާއްޖެ އައި ޑޭން ޔޫރަޕް ޖަމިއްޔާއަށް ނިސްބަތްވާ ފިންލެންޑުގެ ތަޖުރިބާކާރު 3 ޑައިވަރުންނާ އެކީއެވެ.
އޭގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު އެ ހޮހަޅައިގެ ތިންވަނަ ޗެމްބަރުގެ ތެރެއިން، ގާތްގަނޑަކަށް 200 ފޫޓު އަޑިން އިއްޔެ ނަގާފައިވާއިރު، ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނެގުމުގެ އޮޕަރޭޝަން މިއަދު ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ.
މި ހާދިސާއާއި ގުޅިގެން އިޓަލީގެ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުން މި ހާދިސާގެ ތަހުގީގެއް އިޓަލީގެ ޕްރޮސެކިއުޓަރުން ވަނީ ފަށާފައެވެ. މިއީ ދިވެހި ފުލުހުން ކުރިއަށް ގެންދާ ތަހުގީގު އިތުރުން އެގައުމުން "އިހުމާލުން މީހަކު މަރުވިތޯ ބެލުމަށް" ހިންގާ ތަހުގީގެއް ކަމަށް ވެއެވެ. މީގެ އިތުރުން ވެސް ފަސް މީހުންގެ ހަށިގަނޑު އިޓަލީއަށް ގެންދިއުމަށް ފަހު، އެ މީހުންގެ އޮޓޮޕްސީ ހެދުމުގެ އިތުރުން ފީނި މީހުން ތިބި 'ޑިއުކް އޮފް ޔޯކް' ސަފާރީގެ މީހުންނާ ސުވާލުކުރާނެ ކަމަށް އިޓަލީގެ ހަބަރުތަކާ ހަވާލާދީ ބުނެއެވެ.
މިހާދިސާއާއި ގުޅިގެން ޑައިވަރުން އުޅުނު ސަފާރީ ކަމަށްވާ "ޑިއުކް އޮފް ޔޯކް" ގެ އޮޕަރޭޓިން ލައިސަންސް ވެސް ވަނީ ހިފަހައްޓާފައެވެ.
ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މި ހާދިސާގައި މަރުވެފައި ވަނީ މޮނިކާ މޮންޓެފަލްކޯން 52، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް 20، މުރީއެލް އޮޑެނިނޯ 31، ޖިއަންލުކާ ބެނެޑެޓީ 44، އަދި ފެޑެރީކޯ ގުއަލްޓިއަރީ 31 އެވެ.
