ކުރިއަށް އޮތް ބޮޑު އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި ބޭންކުތައް ހުޅުވާފައި ހުންނާނީ މިމަހުގެ 28 ވަނަ ދުވަހުކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭ އިން ބުނީ، މިއަހަރުގެ އަޟްހާ އީދު ދުވަހުގެ މުނާސަބަތުގައި މިމަހުގެ 24އިން 30އަށް ސަރުކާރު ބަންދުވުމާގުޅިގެން ބޭންކިން ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ކަމަށެވެ.
އެ ދުވަހު އާންމުންނަށް ވަކި ލާރި އާއި ނަގުދު ފައިސާ ދޫކުރުމަށް ހަމަޖެހިފައި ނުވާ ކަމަށް ވެސް އެމްއެމްއޭ އިން ބުނެއެވެ. އެގޮތުން މި ހިނގާ ހަފުތާގެ ތެރޭގައި އަޟުހާ އީދުގެ ބަންދުގައި ބޭނުންވާނެކަމަށް އަންދާޒާކުރެވޭ އަދަދަށް އެ އޮތޯރިޓީން ވަކި ލާރި އާއި ނަގުދު ފައިސާ ހޯއްދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަޝްހާ ދުވަހާ ގުޅިގެން ކުރިން ކަލަންޑަރުގައި ސަރުކާރު ބަންދުވާނެ ކަމަށް ވަނީ މި މަހުގެ 26 ވަނަ ދުވަހެވެ. ނަމަވެސް މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ފަހުން ސްކޫލްތަކުގެ މިޑް ޓާމް ބްރޭކް ފެށޭނެ ކަމަށް އެކަޑެމިކް ކަލަންޑަރުގައި ބުނެފައި ވެއެވެ. އެގޮތުން ސަރުކާރުން ވަނީ މި މަހުގެ 24 އަދި 25 ބސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައި އީދޫ ބަންދަށް އާއިލާއާއެކު ވަގުތު ހޭދަކުރުމައްޓަކައި ބަންދު ދުވަސްތައް އިތުރުކޮށްދީފައެވެ.
